އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ކަމުގައި ހުންނެވި ޝުއައިބް އަލީ (ފުރަހަނި ޝުއައިބް) އެ ކޮމިޓީން ވަކި ކުރުމަށް ނިންމައިފިއެވެ.

އެމްޑިޕީން ބުނީ އޭނާ އެ ކޮމިޓީގެ މެންބަރުކަމުން އެކަހެރިކޮށްފައި ވަނީ ފިޔަވަޅުއަޅާ ކޮމެޓީއަށް ހުށަހެޅި، ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ މިއަދުގެ އެ ބައްދަލުވުމުގައި ތިއްބެވީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި، ޑރ. މުސްތަފާ ލުތުފީއެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ޝުއައިބް ވަކިކުރުމަށް ނިންމާފައި ވާއިރު، އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުން، ހަސަން ލަތީފް ވަކިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކިބައިން އެދިވަޑައިގެންފައި ވަނީ މިދިޔަ ހޯމަ ދުވަހެވެ.

އެކަމާ ގުޅިގެން ޝުއައިބް ވިދާޅުވެފައި ވަނީ ހަސަން ލަތީފަކީ، ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާ ޒިންމާދާރު މަގާމެއްގައި ހުންނެވި ފަރާތެއް ކަމަށްވެފައި، ޕާޓީގެ އެންމެ އިސް ފަރާތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަން ގަބޫލުނުކުރައްވާ ހިނދު އެ ކަމަކީ ޕާޓީގެ ތެރެއިން ރޭވިގެން ހިންގާ ހިމޭން ބަޣާވާތެއް ކަމަށެވެ.

އެހެންކަމުން ސަރުކާރާ ރައީސް ސޯލިހާމެދު ދޮގު ވާހަކަތަށް ފަތުރަމުންދާ ވަގުތެއްގައި ޕާޓީގެ އިސްލީޑަރު ނަފީކޮށް ދޮގުން އެހެން މާއްދާއަކަށް ރިޔާއަތްކޮށް ޕާޓީގެ އިސްލީޑަރުގެ ނަފްސު އޮޅުވާލެއްވުމުން ހަސަން ލަތީފް މިހާރުން މިހާރަށް މަގާމުން ދުރުކޮށްދެއްވުމަށް ޝުއައިބު ވަނީ އެދިވަޑައިގެންފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝުއައިބް ވަކިކުރަން ނިންމާފައި ވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކާޓޫން ކުރަހައިގެން ޓްވިޓާގައި ޝުއައިބް އާންމުކުރި މައްސަލައިގައެވެ.