އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެންބަރުކަން ރައްޔިތުން މަޖިލިހުގެ ދާންދޫ ދާއިރާ މެންބަރު ޔައުގޫބު އަބްދުﷲ ގަބޫލު ކުރެއްވުމުން އޭނާގެ މަޖިލިސް ގޮނޑިއާމެދު ސުވާލު އުފައްދަމުން ގެންދާތީ ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅަން ނިންމައިފިއެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ކުރީގެ ފަނޑިޔާރު މުހައްމަދު ހަލީމް ވަނީ ނިންމަވާފައެވެ. ހަލީމް ވިދާޅުވީ ހަފްތާ ފެށުމާއެކު އެ މައްސަލަ ހުށައަޅުއްވާނެ ކަަމަށެވެ.

ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލަށް މެންބަރުން އައްޔަން ކޮށްފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ކައުންސިލްގެ މަގާމު ގަބުލު ކުރެއްވުމަށް ފަހު މަގާމުން ޔައުގޫބު އިސްތިއުފާ ދެއްވާފައި ވަނީ އިއްޔެއެވެ.

ޔައުގޫބު ވިދާޅުވެފައި ވަނީ އޭނާ އެ މަގާމާ ހަވާލުވެވަޑައިގަތީ ގާނޫނީ ލަފާ ހޯއްދެވުމަށް ފަހު ކަމަށެވެ. ނަމަވެސް ގާނޫނީ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދުމުން މަގާމުން އިސްތިއުފާ ދެއްވީ ކަމަށް ޔައުގޫބު ވިދާޅުވެފައި ވެއެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބުނާ ގޮތުން، މަޖިލިހުގެ މެންބަރުންނަށް މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާ ނުކުރެވޭނެއެވެ. އެ އިންސްޓިޓިއުޓުގެ ކައުންސިލު މެންބަރުކަމާ ހަވާލުވެވަޑައިގެންނެވި އިރު ގާނޫނު އަސާސީގައި އޮތް އެއްޗެއް ޔައުގޫބަށް އެނގިވަޑައި ނުގަތުމުން ގިނަ ބަޔަކު ދަނީ އެކަމާ ފާޑުވެސް ކިޔަމުންނެވެ. އެކަމަށް ފާޑު ކިޔި ބައެއް ފަރާތްތަކުން ބުނެފައިވަނީ ޔައުގޫބުގެ މެންބަރުކަމުގެ ޝަރުތު ނެތިއްޖެ ކަމަށެވެ.

ދައުލަތުގެ މުއައްސަސާއެއްގެ ވަޒީފާއަކާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން ބޭރުން ހަވާލުވެވަޑައިގަތުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެކެވެ. އަދި ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ މަޖިލިސް މެންބަރުންގެ ޝަރުތުތައް ގެއްލޭނެ ކަމެކެވެ.

ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓް އަކީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދިފައިވާ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރާއި އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު ޝަހުސެކެވެ.

ޗާޓަޑް އެކައުންޓެންޓުންގެ ބިލު ފާސްކޮށްފައި ވަނީ ރާއްޖޭގެ އެކައުންޓެންޓުންނާ ގުޅޭ ބައިނަލްއަގުވާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި ޗާޓަޑް އެކައުންޓެންސީގެ ފަންނެއް ގާއިމުކޮށް އެ ފަންނު ކުރިއެރުވުމަށް މަގުފަހި ކުރުމަށެވެ.

އެގޮތުން "އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް"ގެ ނަމުގައި ގާނޫނީ ޝަހްސެއް އުފައްދައި، އެ އިންސްޓިޓިއުޓްގެ މެންބަރުންގެ ޝަރުތުތަކާއި، އެ މެންބަރުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑުތަކާއި ހަމަތަކާއި، އެނޫންވެސް ކަންކަމާ ގުޅޭ އުސޫލުތައް ބިލުގައި ބަޔާންކޮށްފައި ވެއެވެ.