މިދިޔަ މަހު ޖުމްލަ 184 މައްސަލައެއް ހުށަހަޅައިފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މިދިޔަ މަހު ޖުމުލަ 184 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށާއި އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތައް ކަމަށެވެ.

އެގޮތުން 103 މައްސަލަ ރިޕޯޓުކޮށްފައި ވާއިރު، އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެ ބާވަތުގެ 36 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އިހުމާލުވުމުގެ 24 މައްސަލަ އަކާއި ޖިސްމާނީ ހާނިއްކައިގެ 20 މައްސަލަ އަކާއި ނަފްސާނީ ހާނިއްކައިގެ 8 މައްސަލަ އަކާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 5 މައްސަލައިގެ އިތުރުން ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 7 މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 3 މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ 28 މައްސަލަ އެ މިނިސްޓްރީއަށް ހުށަހަޅައިފައެވެ. އެފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލަ ތަކެވެ.

އެގޮތުން ނަފްސާނީ އަނިޔާގެ 10 މައްސަލައަކާއި ޖިސްމާނީ އަނިޔާކުރުމުގެ 10 މައްސަލައެއް ހިމެނެއެވެ. މީގެ އިތުރުން ރޭޕްކުރުމާ ގުޅޭ 3 މައްސަލަ އަކާއި ޖިންސީ ހާނިއްކަކުރުމުގެ 2 މައްސަލަ އަކާއި މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ އެއް މައްސަލަ، މާލީ/ އިގްތިސޯދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލަ އަދި އިހުމާލުވުމުގެ 1 މައްސަލަ ހިމެނެއެވެ.

އާއިލީ މައްސަލަތަކުގެ 16 މައްސަލަ ހުށަހަޅައިފައި ވާއިރު، އެފަދަ މައްސަލަތަކުގެ ތެރޭގައި ހަޟާނާތު ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 10 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ 5 މައްސަލަ، އަދި ދަރިންނަށް ހަރަދު ދިނުމުގައި ދިމާވާ 1 މައްސަލަ ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 13 މައްސަލަ ހުށަހަޅައިފައއި ވާއިރު އޭގެ ތެރޭގައި ހުމެނެނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 10 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 3 މައްސަލައެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުމާ ގުޅޭ 9 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައި ވާއިރު ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 9 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނިކުމެގެން ދިއުމުގެ 3 މައްސަލަ އެއްގެ އިތުރުން ސްކޫލަށް ދާން ބޭނުންނުވުމުގެ 3 މައްސަލަ ހިމެނެއެވެ.

އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 4 މައްސަލަ ހުށަހަޅައިފައި ވާއިރު، އެފަދަ މައްސަލަތަކުގެ ތެރޭގައި ވައްކަންކުރުމާ ގުޅޭ އެއް މައްސަލަ އަދި މާރާމާރީ ހިންގުމުގެ 1 މައްސަލަ ހިމެނެއެވެ.

ހައްގުތަކުން ކުޑަކުދިން މަހްރޫމުކުރުމުގެ 2 މައްސަލަ މިދިޔަ މަހު ރިޕޯޓުކޮށްފައި ވެއެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި އައިޑީ ކާޑު/ ޕާސްޕޯޓް/ އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމާ ގުޅޭ 1 މައްސަލަ އަކާއި ތައުލީމަށް ހުރަސްއެޅުމުގެ 1 މައްސަލަ ހިމެނެއެވެ.