ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތިން ސްކޫލް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދުމުގެ މަތިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތިން ސްކޫލެއް އިމާރާތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

ޕްރޮޖެކްޓް ބިޑް ސެކިއުރިޓީގެ ގޮތުގައި 850,000.00 ރުފިޔާ ހުށަހަޅަން ޖެހޭ ކަމަށް އެ އިއުލާންގައި ބުނެފައި ވާއިރު، އެ މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގް (އައިސީބީ) އުސޫލުގެ މަތިން ކަމަށްވެސް އެ އިއުލާންގައި ބުނެފައި ވެއެވެ.

ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް  1,500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭއިރު، ފައިސާ ބަލައިގަންނާނީ މި މަހުގެ 15  އިން  އަންނަ މަހުގެ 19 އަށް، ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް، ބަނޑޭރި ޕޭ މެދުވެރިކޮށް ކަމަށްވެސް އެ އިއުލާންގައި ބުނެފައިވެއެވެ. އެ މަސައްކަތަށް ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 20 ވާ އަންގާރަ ދުވަހުގެ 1:00ގައި ކަމަށް ވެސް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު 3 ސްކޫލެއް އެޅުމަށް ނިންމާފައި ވާއިރު، މާލޭ ހުޅުމާލެގައި އާބާދީ އިތުރުވަމުން އަންނަ ވަރަށް ބަލާއިރު މާލޭ ސަރަހައްދަށް އާ ސްކޫލްތަކެއް ބޭނުންވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.