ވެލާނާ އިންޓަނޭޝަނަލް ޓާމިނަލް (ވީއައިއޭ) ގެ އާ ސީޕްލޭން ޓާމިނަލްގެ "އެކްޒެކެޓިވް ލައުންޖު" ކުއްޔަށް ހިފާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ އާ ސީޕްލޭން ޓާމިނަލް އިމާރާތުގެ "އެކްޒެކެޓިވް ލައުންޖު" ގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދުތައް ކުއްޔަށް ހިފާނެ ފަރާތް ތަކެއް ހޯދަން ބޭނުންވާ ކަމަށާއި އެ ތަން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމަށް އެދޭ ކަމަށެވެ.
އަދި އެ ފަރާތްތަކުން ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ހަވާލު ކުރުމަށްފަހު، ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަން ފޮތް އީމެއިލް ކުރެވޭނެ ކަމަށްވެސް އެމްއޭސީއެލްގެ އިއުލާންގައި ވެއެވެ.
މީގެ އިތުރުން އެ އިއުލާނުގައި ބުނެފައި ވަނީ ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތަކީ ކުރިމަތިލާ ފަރާތްތަކަކީ ސީޕްލޭން ނުވަތަ ޓުއޯ ނުވަތަ ރިސޯޓު އޮޕަރޭޓަރަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި 10,000 ޑޮލަރު ނުވަތަ ބިޑް ސެކިއުރިޓީގެ ގޮތުގައި ކުއްޔަށް ހިފަން ބޭނުންވާ ކޮންމެ ސަރަހައްދަކަށް ހުށަހަޅަން ވާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ކުރިން ދާ ފަރާތްތަކަށް ބާއްވާ އޮޕްޝަނަލް "ސައިޓް ވިޒިޓް" އޮންނާނީ ސެޕްޓެންބަރު 28 ވާ އަންގާރަދުވަހުގެ ހެނދުނު 11:00 ގައި އޮންނާނެ ކަމަށާއި ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޫބަރު 11 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ކަމަށް އެމްއޭސީއެލުން ބުނެއެވެ.
ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށް ފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، އެ ކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެ ކަމަށް އެމްއޭސީއެލްގެ އިއުލާނުގައި ވެއެވެ.
އާ ސީޕްލޭން ޓާމިނަލް އާ ގުޅިގެން އުފެދުނު އެންމެ ބޮޑު ބަހުސަކީ އެތަން ހިންގަން ހަވާލު ކުރާނެ ބަޔަކާ މެދު ކުރެވުނު ބަހުސެވެ. އެގޮތުން އާ ޓާމިނަލްގެ ލައުންޖް ހަދަން އޮތް ސަރަހައްދުން 81 ޕަސެންޓްގެ ބޮޑު ޖާގައެއް ދޭން ކުރީގެ ބޯޑުން ނިންމައި، މެނޭޖްމަންޓުން ގެންދިޔައީ މަޝްވަރާ ކުރަމުންނެވެ. ނަމަވެސް މި ސަރުކާރުން މިހާރު ނިންމާފައި ވަނީ ޓީއެމްއޭއަށް 6،400 އަކަމީޓަރުގެ ޖާގަ، އަކަމީޓަރެއް 10:35 ޑޮލަރަށް، ކުރިއަށް އޮތް ދެ އަހަރަށް ދޭން ނިންމާފައެވެ.