ރ. އަތޮޅުގެ ކުރީގެ މެންބަރު އިސްމާއިލް ޒަކަރިއްޔާ ކޮވިޑް-19 ޖެހިގެންއަ އަވަހާރަ ވެއްޖެއެވެ.

މެންބަރު ޒަކަރިއްޔާގެ ހާލު ސީރިއަސްވެ، ފަރުވާ ދެމުން ގެންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އާއިލާއިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި އިސްމާއިލް ޒަކަރިއްޔާއަށް ފަރުވާދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ. ޒަކަރިއްޔާ އަވަހާރަވެފައިވާކަން އާއިލާއިން ކަށަވަރުކޮށްދީފައިވީ ނަމަވެސް، މިހާތަނަށް އެޗްއީއޯސީން މިފަދަ މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 33 ވަނަ މީހާއެވެ.

މިބަލީގައި މިމަހު ވެސް 5 މީހަކު ނިޔާވެފައިވެއެވެ. އެގޮތުން، މިމަހު 1 ވަނަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދަނިކޮށް 79 އަހަރުގެ ފިރިހެނަކު ނިިޔާވެފައި ވާއިރު، މިމަހު 9 ވަނަ ދުވަހު ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ 60 އަހަރުގެ ފިރިހެނަކު ވެސް ވަނީ ނިޔާވެފައެވެ.

ހަމައެއާއެކު، މިމަހު 8 ވަނަ ދުވަހު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ކެންސަރަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވި 58 އަހަރުގެ މީހާވެސް ނިޔާވީ ކޮވިޑްގައި ކަމަށް ވަނީ ނިންމާފައެވެ. އަދި އިއްޔެ ވަނީ ހުޅުމާލެ މެޑިކަލް ފެސިލީޓީގެ އައިސީޔޫގައި ފަރުވާދެމުންން ދަނިކޮށޤ 58 އަހަރުގެ އަންހެނަކު ވެސް ނިޔާވެފައެވެ.

މިހާތަނަށް މިބައްޔަށް 9173 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، 33 މީހަކު ނިޔާވެ، 7326 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އަދި 1809 އެކްޓިވް ކޭސް އުޅޭއިރު، އޭގެ ތެރެއިން 113 މީހުން ހޮސްޕިޓަލުގައި ތިބި އިރު 1087 މީހުން ތިބީ އައިސޮލޭޝަނުގައެވެ.

މީގެ އިތުރުން ވެސް މި ބައްޔަށް ޕޮޒިޓިވްވި 6 މީހަކު ވަނީ ނިޔާވެފައެވެ. ނަމަވެސް އެމީހުން ނިޔާވީ ކޮވިޑްގައި ނޫން ކަމަށް ވަނީ ނިންމާފައެވެ.