މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން "މާބޮޑަށްވެސް އަގުހެޔޮވެއްޖެ"ގެ ނަމުގައި ކެމްޕޭނެއް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ، މި ކެމްޕޭން ހިންގަނީ، ސަރުކާރުން އިމްޕޯޓް ޑިއުޓީތަކަށް ގެނެވުނު ބަދަލާ ގުޅިގެން އެމްޓީސީސީ ކަށަވަރުން ވިއްކާ ސުޒުކީ އައުޓްބޯޑު އިންޖީނު އަދި ޔަންމާ އިންބޯޑް އިންޖީނުތަކުގެ އަގުތަކަށް ހެޔޮބަދަލު ތަކެއް ގެނެވުމާ ގުޅިގެން ކަމަށެވެ.

އެ ކުންފުނިން ބުނީ، އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް އެކި އެކި ޕްރޮޑަކްޓް ތަކުން ކަސްޓަމަރުންނަށް ލުއިފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރި ކުރުވުމުގެ ހަރަކާތްތައް އެ ކުންފުނިން އަބަދުވެސް ރާވާ ހިންގަމުން ދާ ކަން އެ ކުންފުނިން ވަނީ ފާހަގަ ކޮށްފައެވެ.

އެމްޓީސީސީ އަކީ، ދިވެހިރާއްޖޭގައި ގާއިމް ކުރެވުނު އެންމެ ފުރަތަމަ އަދި އެންމެ އިތުބާރުކުރެވޭ ޕަބްލިކް ކުންފުނި ކަމަށް އެމްޓީސީސީން ދެކެއެވެ. އަދި އެއީ ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓްބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީތެލާ، ސިގްމާ އެންޓި ފައުލިން ސިސްޓަމް އަދި ސްކޮޓް ބާޑާ ބްރޭންޑް ފައިބަރުކުރަން ބޭނުންކުރާ ސާމާނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

އެމްޓީސީސީއިން ދަނީ ދަތުރުފަތުރުގެ ހިދުމަތާއި، ބަނދަރުހެދުމާއި، ބިންހިއްކުމާއި، ފަޅުފުންކުރުމާއި، ގޮނޑުދޮށް ރައްކާތެރިކުރުމާއިގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފޯރުކޮށްދެމުންނެވެ.