7 މީހުންނާއެކު މާލެއިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރި ލޭންޑިން ކްރާފްޓެއް ށ. ނަލަންދޫ ފަރަށް އަރައި، ދިޔަ ވާން ފަށައިފިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، "އެވީ ސްޓާ" ނަމަކަށް ކިޔާ މި ލޭންޑިން ކްރާފްޓު ނަލަންދޫ ފަރަށް އަރައި ދިޔަވާކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑް ނޮދާން އޭރިއާގެ ސްކޮޑްރަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައި ވަނީ ރޭ 01:15 ހާއިރު ކަމަށް އެމްއެންޑީއެފްް އިން މައުލޫމާތުދެއެވެ.

ފަރަށް އެރި ލޭންޑިން ކްރާފްޓުގައި 140 ފޫޓު ހުރި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އޭގައި ތިބި 7 މީހުންގެ ތެރޭގައި ހިމެނެނީ 3 ދިވެހިންނާއި 4 ބިދޭސިން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާ ކަމަށެވެ.

މިފަދައިން ކަނޑުމަތީގައި ހިނގާ ހާދިސާތަކުގައި އެމްއެންޑީއެފުން ފަސް ޖެހުމެއް ނެތި ހަރަކާތްތެރިވަމުންދާ ކަން ފަހަގ ކުރެވެއެވެ.