އިއްޔެ އިދިކޮޅު ކޯލިޝަނުން ބޭއްވި ސައިކަލް ބުރު އެއްވުމުން ހައްޔަރު ކުރި 41 މީހުންގެ ތެރެއިން އެކަކު ފިޔަވާ އެންމެން ދޫކޮށްލައިފިއެވެ.
'ދަ ޕްރެސް' އަށް މައުލުމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ ގެންދިޔަ މީހުންގެ ތެރެއިން އެކަކު ފިޔަވާ މިހާރު އެންމެން ދޫކޮށްލާފައިވާ ކަމަށާއި އެ އެންމެންވެސް 1000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
އިއްޔެ އިދިކޮޅު ކޯލިޝަނުން ބޭއްވި އެއްވުމަކީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކޮށްފައި ވަނިކޮށް އަދި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާފައިވާ އެންގުންތަކާ ހިލާފަށް އެއްވުންތައް ނުބޭއްވުމަށް ގޮވާލާފައިވާ ދަނޑިވަޅެއްގައި ބޭއްވި އެއްވުމެކެވެ.
ފުލުހުން ވަނީ އެ އެއްވުން ނުބޭއްވުމަށް އިލްތިމާސް ކޮށްފައެވެ. ސައިކަލު ބުރު ކުރިއަށް ނުގެންދެވޭނެ ކަމަށް އަންގާ ކުރިއަށް ގެންދާނަމަ ބާރުގެ ބޭނުންކޮށްގެން ހުއްޓުވާނެ ކަމުގެ އިންޒާރުވެސް ދީފައި ވަނިކޮށް އިދިކޮޅުން ވަނީ ސައިކަލް ބުރު ރޫޅާލުމުން ހިނގާލުމެއް ބާއްވާ އެ އެއްވުން ކުރިއަށް ގެންގޮސްފައެވެ.
އިއްޔެ ސައިކަލު ބުރުގައި އިދިކޮޅު ދެ ޕާޓީގެ އިސް ބޭފުުޅުން ބައިވެރިވަޑައިގެން ނަމަވެސް އެ ހަރަކާތަކީ ސީދާ އެ ދެ ޕާޓީން އިންތިޒާމު ކުރި ހަރަކާތެއް ނޫން ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.
އެ ސައިކަލު ބުރުގައި ބައިވެރިވުމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްވެސް އެ ސަރަަހައްދަށް ވަޑައިގެންނެވިއެވެ.