ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލެ، މާފަންނު ގެއެއް ބަލައި ފާސްކޮށް ބިޔަރު ދަޅުތަކަކާއެކު ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

އެ އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި މާފަންނު ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައިވާއިރު، އެ ގެއިން 240 ބިޔަރު ދަޅާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ބިޑި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއްގެ އިތުރުން 25 އަހަރު، 26 އަހަރު، 27 އަހަރު އަދި 28 އަަހަރުގެ މީހަކު ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، މި މީހުން ހައްޔަރުކޮށް މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރާ ޒުވާނުންގެ އަދަދު ގިނަވެފައިވާއިރު، ހޯމް މިނިސްޓްރީގެ 2019 ވަނަ އަހަރު ތަފާސް ހިސާބުތައް ބުނާ ގޮތުން އެ އަހަރު އެންމެ ގިނައިން ހުށަހެޅިފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ.

އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އަތުގައި ބެހެއްޓުމާއި، މަސްތުވާތަކެތި އެތެރެކުރުމާއި ވިއްކުމާއި، ބަނގުރާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުން ފަދަމަސްތުވާތަކެއްޗާ ގުޅޭ 119 މައްސަލަ ހުށަހެޅިފައި ވެއެވެ. އެއީ ހުށަހެޅުނު މައްސަލަތަކުގެ 35 ޕަސަންޓެވެ.

މައްސަލަތަކުގެ ތެރޭގައި ހިމެނޭ ފިރިހެންކުދިން ކުރާ ކުށްތަކުގެ ބާވަތްތަކަށް ބަލާއިރު، 2019 ވަނަ އަހަރު އެންމެ ގިނައިން ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި، ވައްކަންކުރުމާއި، މާރާމާރީގެ މައްސަލަތަކެވެ. އަދި އަންހެން ކުދިންގެ ފަރާތުން އެންމެ ގިނައިން ހުށަހެޅިފައިވަނީ މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލަތަކެވެ.