ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީގޮތުން ހަވާލުކޮށްފައި ވަނީ އުސޫލުތަކާ އެއްގޮތަށް ކަމަށް ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ދާއިމީ އިސްފަނޑިޔާރަކު ނެތުން ނުވަތަ ދާއިރާ އިސްފަނޑިޔާރަކު ވަގުތީ ގޮތުން މަސައްކަތުން ދުރުކުރެވޭ ހާލަތްތަކުގައި ކޯޓު ނުވަތަ ދާއިރާގެ ހިންގުން އެހެން ފަނޑިޔާރަކާ ހަވާލުކުރުން ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުން އެ ކޮމިޝަނުން ހަވާލުކޮށްފައި ވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ، މީޑިއާގައި ބައެއްފަރާތްތަކުން، ދައްކަމުން ދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އެގޮތުން ހައިކޯޓުގެ އިސްފަނޑިޔާރުކަން ހަމަޖެއްސުމާއި، ސުޕީރިއާ ކޯޓުތަކުގެ އިސްގާޒީން ހަމަޖެއްސުމާއި، ޖުޑީޝަލް ދާއިރާތަކުގެ އިސްމެޖިސްޓްރޭޓުން ހަމަޖެއްސުމަކީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން އެ ކޮމިޝަނުގެ ޒިންމާއެއް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ކޯޓު ހިންގުމާ ހަވާލުވެ ހުންނަ ފަނޑިޔާރަކު ޗުއްޓީއަށް ދާނަމަ އެކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާ ހަވާލުކުރުމުގައި އަމަލުކުރާނެއުސޫލެއް 2010 ވަނަ އަހަރުގެ އޮކްޓޫބަރު 28ގައި ގެޒެޓްކޮށްފައި ވާނެ ކަމަށާއި، ކޯޓެއްގެ އިސްފަނޑިޔާރަކު ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކުރާޗުއްޓީއެއްގައި ހުރެއްޖެނަމަ ނުވަތަ ދާއިމީ މަސައްކަތަކަށް ވީއްލާފައި ހުރެއްޖެނަމަ ނުވަތަ ހައްޖު، އުމްރާ ނުވަތަ އެނޫންވެސް ޗުއްޓީއެއްގައި ހުރެއްޖެނަމަ ނުވަތަ އިސްފަނޑިޔާރަކު ސަލާމުގައި ހުރެއްޖެނަމަ އެ ކޯޓެއް ވަގުތީ ގޮތުން ހިންގުން ޙަވާލުކުރަންވާނީ އެކޯޓެއްގައި ތިބި ފަނޑިޔާރުންގެ ތެރެއިން އެތަނެއްގައި ހިދުމަތުގައި އެންމެ ގިނަދުންވަސްވީ ފަނޑިޔާރުންގެ ތަރުތީބުން ކަމުގައި އެއުލުގައި ބަޔާންކޮށްފައިވާނެ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

އަދި ކޯޓުގެ އިސްފަނޑިޔާރަކު ސަސްޕެންޑު ކުރެވޭ ހަލަތުގައި އެ ތަރުތީބަށް އަމަލުކުރުން އެ އުސޫލު އިސްތިސްނާ ކޮށްފައިވާ ކަމަށާއި ކޯޓުގެ އިސްފަނޑިޔާރަކު ސަސްޕެންޑު ކުރެވޭ ހާލަތުގައިއާއި އިސްފަނޑިޔާރުކަން ދާއިމަށް ހުސްވާ ހާލަތުގައި ވަގުތީ ގޮތުން މީހަކާ އެމަސްއޫލިއްޔަތު ހަވާލު ކުރުމުގައި އެ ކޮމިޝަނުން އަމަލުކުރަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ18 ވަނަ މާއްދާގެ (ށ) ގައިބަޔާންކޮށްފައިވާ ގޮތަށް ކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.

އެގޮތުން، އެ ކޮމިޝަނުން ވަގުތީ ގޮތުން ކޯޓުގެ ހިނގުން އެހެން ފަނޑިޔާރަކާ ހަވާލުކުރަމުންދަނީ، ކޯޓުގައިނުވަތަ ދާއިރާގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ ވަނަވަރު އަދި ރެކޯޑު ފައިލްގައި ހުރި ލިޔެކިޔުންތަކަށް ބެލުމަށްފަހު، އެ ކޯޓެއްގައިހިމެނޭ ފަނޑިޔާރުންގެ ތެރެއިން ތައުލީމާއި، ތަޖުރިބާއާއި، އަހްލާގާއި ގާބިލުކަމަށް ބަލައި، އިސްފަނޑިޔާރު ކަމަށް އެންމެ އެކަށޭނަފަރާތެއް، ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ މެންބަރުންގެ އަގުލަބިއްޔަތުން ކަނޑައަޅައިގެން ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

ތަފާތު ސުލޫކީ މައްސަލަތައް ސާބިތުވެގެން ފަނޑިޔާރުކަމުން ވަކިކުރުމަށް އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ލަފާދިނުމުން، ފަނޑިޔާރަކަމުގެ މަގާމުން އިސްތިއުފާ ދިނުމަށް ފަހު، އެ ކޮމިޝަނުން ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމަށްޓަކައި ކުރާ މަސައްކަތާބެހޭ ގޮތުން އާއްމުންނަށް ކަންހިނގާގޮތް އޮޅުވާލުމަށް ޒިންމާދާރުކަން ކުޑަގޮތަކަށް ދައްކާވާހަކަތައް އެ ކޮމިޝަނުން ވަނީ ކުށްވެރި ކޮށްފައެވެ.

އެ ކޮމިޝަނުގެ މަސްއޫލިއްޔަތު އަބަދުވެސް އަދާކުރަމުން ދާނީ ގާނޫނާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމުގެ ޔަގީންކަން ޖޭއެސްސީން ވަނީ ދީފައެވެ.