މާލެ ސަރަހައްދުން ރަށަށް ދިޔަ ގދ. މަޑަވެލި މަސްދޯންޏެއް އެރަށު ފަޅު ތެރޭގައި ކަރަންޓީނު ކޮށްފިއެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން މަޑަވެލި ކައުންސިލުގެ ރައީސް، ހަމީޒް އަހްމަދު ވިދާޅުވީ، އެ މަސްދޯނި ކަރަންޓީނުކޮށްފައިވާއިރު، ދޯނި ރަށުގެ ފަޅުތެރެއަށް ވަނީ މިމަހު 10 ވަނަ ދުވަހު ކަމަށެވެ. އަދި އެ ދޯނި ކަރަންޓީނު ކޮށްފައި ވަނީ ރަށު ރައްޔިތުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ މައުލޫމާތު ދެއްވައެވެ.

"ސީ ވޯލްޑް" ނަމަކަށް ކިޔާ މި މަސް ދޯނީގައި 24 މީހުން ތިބި ކަމަށް މައުލޫމާތު ލިބެއެވެ. އެ ދޯނި ކަރަންޓީނުކޮށްފައި ވަނީ މާލެ ސަރަަހައްދުން ފުރި ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށެވެ.

ހަމީޒް ވިދާޅުވީ، މަސް ދޯނި ކަރަންޓީނުކޮށްފައި ވަނީ އެ ދޯނި މިމަހު 1 ވަނަ ދުވަހު މާލެ ސަރަހައްދަށް މަސްކިރަން ކައިރިކޮށްފައިވާތީ ކަމަށެވެ. އަދި މަސްދޯނިން މީހަކު މާލެއަށް ފައިބާފައި ނުވަތަ މާލެއިން މީހަކު ދޯންޏަށް އަރާފައި ނުވާ ކަމުގެ ޔަގީންކަން ދޯނީގެ ވެރި ފަރާތަށް ދެވިފައި ނުވާތީ ރަށުގެ ޓާސްކްފޯހުގެ އިސްވެރިންނާ މަޝްވަރާ ކުރުމަށްފަހު ދޯނި ކަރަންޓީނު ކުރީ ކަމަށެވެ.

މަޑަވެއްޔާއި ކޯސްވޭއަކުން ގުޅާލާފައި އޮންނަ ހޯޑެއްދޫއިން ލޯކަލް ޓްރާންސްމިޝަނަކުން، ގިނަ ބަޔަކު ކޮވިޑް-19 ޕޮޒިޓިވްވަމުން ގެންދިއުމާ ގުޅިގެން މަޑަވެލި ވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

ރަށުގެ ހާލަތަ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ހަމީޒް ވިދާޅުވީ އެރަށުން ބައްޔަށް ޝައްކު ކުރެވޭ މީހަކު ފެނިފައި ނުވާއިރު، އެރާސުން ނެގި ހުރިހާ ރެންޑަމް ސާމްޕަލް ތަކެއް ވެސް ނެގެޓިވްވެފައިވާ ކަމަށެވެ. އަދި ރަށުގެ ހާލަތު ރަނގަޅު ކަމަށް އޭނާ މައުލޫމާތު ދެއްވައެވެ.

ހަމީޒް ވިދާޅުވީ ރަށުގެ ރައްޔިތުން، ޒަރޫރީ ބޭނުމަކު މެނުވީ ބޭރަށް ނިކުމެ ވެސް ނޫޅޭ ކަމަށެވެ. އަދި ބޭރަށް ނިކުންނަ އިރުވެސް، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް މާސްކު އަޅައިގެން ބޭރުގައި އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.