މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ފޯކައިދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 52 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. އަދި އެމީހާ ހައްޔަރު ކޮށްފައިވަނީ މާލެއިން ފުރައިގެން ފޯކައިދުއަށް ދަތުރުކުރި ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެގޮތުން މި އޮޕަރޭޝަން ހިންގާފައި ވަނީ އިއްޔެ ހަވީރު، 3:14 ހާއިރު ފޯކައިދޫ ބަނދަރު ސަރަހައްދުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ، އެމީހާ ހުއްޓުވައި އޭނާގެ ހަށިގަނޑާއި އޭނާ އެވަގުތު ހިފައިގެން ހުރި ފޮށިގަނޑު ބަލައިފާސް ކޮށްފައިވާއިރު އެފޮށިގަނޑު ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ށ.ފޯކައިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ، މި މައްސަލަ ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.