މިހާރު ކޮވިޑް އެކްޓީވް ކޭސްގެ ގޮތުގައި ތިބީ 2107 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިރޭ އިއުލާން ކުރި ތަފާސްހިސާބުތަކުގައި ދައްކާ ގޮތުގައި ޖުމްލަ އެކްޓިވް ކޭސްގެ ތެރޭގައި ހިމެނެނީ 2107 މީހުންނެވެ. އޭގެތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި ރަށްރަށުގައި ތިބީ ޖުމްލަ 100 ކޭސް ކަމަށާއި ރިސޯޓުތަކުގައި ތިބީ 55 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެކްޓިވް ކޭސްގެ ގޮތުގައި 100 ކޭސް ތިބީ މިހާރު މީހުން ދިރިއުޅޭ 28 ރަށެއްގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެއީ 92 ދިވެހިންނާއި 8 ބިދޭސީން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެ ރަށްރަށަކީ ހއ. ދިއްދޫ، ހއ. ކެލާ، ށ. އަތޮޅުން މިލަންދޫ ފީވަށް، ނ. އަތޮޅުން މަނަދޫއާއި މިލަދޫއާއި ކުޑަފަރިއާއި މާޅެންދޫ، ރ. އަތޮޅުން ރަސްމާދުއާއި ދުވާފަރާއި އިނގުރައިދޫ، ބ. އަތޮޅުން ހިތާދޫއާއި ތުޅާދޫއާއި އޭދަފުށި، ޅ. އަތޮޅުން ނައިފަރާއި ކުރެންދޫއާއި ކ. އަތޮޅުން ހިންމަފުށި، އއ އަތޮޅުން މަތިވެރި، ފ. އަތޮޅުން ބިލެއްދޫ، ދ. އަތޮޅުން ކުޑަހުވަދޫއާއި މީދޫ، ލ. ފޮނަދޫ އާއި ގަން، ގދ. އަތޮޅުން ފަރެސްމާތޮޑާއާއި ހޯޑެއްދޫއާއި ތިނަދޫ، ސ. އަތޮޅުން ގަން އެވެ.

ރިސޯޓުތަކުގައި 55 އެކްޓިވް ކޭސް ތިބި އިރު މިވަގުތު އޭގެތެރޭގައި ހިމެނެނީ 13 ޓުއަރިސްޓަކާއި 42 ސްޓާފުން ކަމަށް އެޗްޕީޢޭއިން ބުނެއެވެ.

އެހެންކަމުން މާލެ ސަރަހައުދުގައި މިހާރު ތިބި އެކްޓިވް ކޭސްތަކުގެ ޖުމްލަ އަދަދަކީ 1952 އެވެ. އެއީ މާލެ ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 8990 އަށް އަރާފައެވެ. އަދި ތިން ތަށެއް ވަނީ މޮނިޓަރިންގެ ހާލަަތުގައެވެ. އެއީ ގދ. ހޯޑެއްދޫއާއި ގދ. މަޑަވެލި އަދި ނ. މަނަދޫއެވެ.