މިއަދު ކޮވިޑަށް 90 މީހުން ޕޮޒިޓިވްވެ 283 މީހުން ބަލިން ރަނގަޅު ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި 90 މީހުންގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 32 ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 78 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 12 މީހެކެވެ.

މިއަދު ޕޮޒިޓިވްވި 90 މީހަކާއި އެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 8990 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވި 283 މީހުންނާއެކު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 6846 އަށް އަރާފައެވެ.

މިހާރު ހޮސްޕިޓަލުގައި 120 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 951 މީހުންނެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 31 މީހަކު ވަނީ ނިޔާވެފައެވެ. އަދި ޕޮޒިޓިވްވެފައި ވަނިކޮށް 6 މީހަކު ނިޔާވެފައި ވާއިރު، އެމީހުން ނިޔާވެފައި ވަނީ ކޮވިޑްގައި ނޫން ކަމަށް ވަނީ ނިންމާފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 28 ރަށަކާއި 25 ރިސޯޓެއް ވާއިރު، ރިސޯޓުތަކުން ހިމެނެނީ 13 ޓޫރިސްޓަކާއި 42 ސްޓާފުންނެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސް ފެނިފައިވާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، ހއ. ކެލާ، ށ. އަތޮޅުން މިލަންދޫ ފީވަށް، ނ. އަތޮޅުން މަނަދޫއާއި މިލަދޫއާއި ކުޑަފަރިއާއި މާޅެންދޫ، ރ. އަތޮޅުން ރަސްމާދުއާއި ދުވާފަރާއި އިނގުރައިދޫ، ބ. އަތޮޅުން ހިތާދޫއާއި ތުޅާދޫއާއި އޭދަފުށި، ޅ. އަތޮޅުން ނައިފަރާއި ކުރެންދޫއާއި ކ. އަތޮޅުން ހިންމަފުށި، އއ އަތޮޅުން މަތިވެރި، ފ. އަތޮޅުން ބިލެއްދޫ، ދ. އަތޮޅުން ކުޑަހުވަދޫއާއި މީދޫ، ލ. ފޮނަދޫ އާއި ގަން، ގދ. އަތޮޅުން ފަރެސްމާތޮޑާއާއި ހޯޑެއްދޫއާއި ތިނަދޫ، ސ. އަތޮޅުން ގަމެވެ.

މި ރަށްރަށުގެ ތެރެއިން މޮނިޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯޑެއްދޫ އާއި ގދ. މަޑަވެލި އަދި ނ. މަނަދޫ އެކަނި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ސަރަހައްދީ ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން އެކްޓިވް ކޭސްތަކަށް ފަރުވާ ދެމުން ދަނީ ބ އަތޮޅު ކޮވިޑް ފެސިލިޓީ އާއި ގއ. ވިލިގިނލި ކޮވިޑް ފެސިލިޓީއެވެ.