ރުބެއްލާ ނައްތާލެވިފައިވާކަން ފާހަގަކޮށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ދޭ ސެޓްފިކެޓެއް ރާއްޖެއަށް ދީފިއެވެ.

މި ސެޓްފިކެޓް ރާއްޖެއާ ހަވާލުކޮށްފައި ވަނީ މިއަދު ބޭއްވި، ޑަބްލިއުއެޗްއޯގެ 73 ވަނަ ރީޖަނަލް ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުގައެވެ. މި ސެޓްފިކެޓާ ރާއްޖެއިން ހަވާލުވެ ވަޑައިގެންފައިވަނީ ހެލްތް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އާމިނަތު ސާމިޔާއެވެ.

މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މީސަލްސް އާއި ރުބެއްލާ ނައްތާލުމުގެ ޓާގެޓުގެ ތިން އަހަރު ކުރިން ރާއްޖެއިން ރުބެއްލާ ނައްތާލެވިފައިވާ ކަމަށެވެ. އަދި ރާއްޖެއަކީ މި ސަރަހައްދުން ރުބެއްލާ ނައްތާލެވުނު ގައުމުތަކުގެ ތެރެއިން އެއް ގައުމު ކަން އެ އެޖެންސީން ވަނީ ފާހަގަ ކޮށްފައެވެ.

ރާއްޖޭގައި ރުބެއްލާ ނައްތާލާފައި ވާތީ މިއަހަރު ވެސް ޑަބްލިއުއެޗްއޯ އިން ވަނީ އެކަން ފާހަގަކޮށްފައެވެ.

ރުބެއްލާ ރާއްޖެ އިން ނައްތާލިއިރު މިހާރު ވެސް ގައުމީ ފެންވަރުގައި ރުބެއްލާއިން ރައްކާތެރިވުމަށް ދަނީ ވެކްސިންވެސް ޖަހަމުންނެވެ. އެގޮތުން ކުޑަކުދިންނާއި ޒުވާނުންނަށް މިވެކްސިން ދެމުންދާ ކަން އެޗްޕީއޭއިން ފާހަގަ ކުރެއެވެ.

ރުބެއްލާ ނުވަތަ ޖާމަން މީސަލްސް އަކީ ރުބެއްލާ ވައިރަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ. އެ ބަލި އާންމު ގޮތެއްގައި ޖެހެނީ ނޭވާލުމުގެ ޒަރީއްޔާއިން ބަލި ޖައްސާ ވައިރަސް ހަށިގަނޑަށް ވާސިލުވުމުންނެވެ.