ހުއްދަ ނުހޯދާ ގދ. މަޑަވެލި އިން ބ. ދޮންފަނަށް އެރި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މަޑަވެލިން ދޮންފަނަށް އެމީހާ ދަތުރުކޮށްފައި ވަނީ، މަޑަވެލި މޮނިޓަރިންގެ ހާލަތުގައި އޮއްވާ ހުއްދަ ނުހޯދާ އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް ކަމަށެވެ. މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ރޭ 7:20 ހާއިރު ކަމަށެވެ.

މަޑަވެލި މޮނިޓަރިންއަށް ލާފައި ވަނީ، އެރަށާ ކޯސްވޭއަކުން ގުޅުވާލާފައިވާ ގދ ހޯޑެއްދޫ އިން ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވުމުގެ ސަބަބުންނެވެ. އެގޮތުން ހޯޑެއްދޫއިން ވަނީ ޖުމްލަ 36 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެގައި 4 މީހަކީ ފުރަބަންދު ކަރަންޓީނުން ޕޮޒިޓިވްވި މީހުން ކަމަށްވާއިރު، ދެން ތިބީ، ފްލޫ ކްލިނިކުން ޕޮޒިޓިވްވި 2 މީހަކާއި ކޮންޓެކްޓްވި މީހުންނެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 25 ރަށަކާއި 21 ރިސޯޓެއް ވާއިރު، ރިސޯޓުތަކުން ހިމެނެނީ 17 ޓޫރިސްޓަކާއި 48 ސްޓާފުންނެވެ.

މިހާރު އެކްޓިވް ކޭސްތައް ތިބި ރަށްރަށުގެ ތެރެއިން ގދ. މަޑަވެލި އަދި ހޯޑެއްދޫ ވަނީ މޮނިޓަރިންގެ ހާލަތުގައެވެ.