ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 11629 އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލި ފަހުން އިއްޔެގެ ނިޔަލަށް ރާއްޖެ އަށް 11629 ފަތުރުވެރިން އައިސްފައިވާ ކަމަށެވެ.

މިއަދުން ފެށިގެން ރާއްޖެއިން ބޭރުން އަންނަ ދިވެހި ރައްޔިތުންގެ ޕީސީއާރް ސެޓިފިކެޓް ބޭނުން ނުވާނެ ކަމަށާއި ރާއްޖެ އެތެރެވާއިރު ހުށަހަޅާ ޕީސީއާރު ޓެސްޓު ސެޓިފިކެޓުގައި ޓެސްޓު ހެދި ލެބޯޓްރީގެ ނަމާއި އެޑްރެސް، ތާރީހު، އަދި ސެޓިފިކެޓުގެ ދޫކުރި ފަރާތުގެ ނަމާއި ސޮއި އޮންނަން ޖެހޭނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެއެވެ.

ތިން މަސް ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވި ފަހުން މިއަދާ ހަމައަށް 21 ރިސޯޓަކުން ވަނީ ކޮވިޑް ކޭސްތައް ފެނިފައެވެ. އޭގެ ތެރޭގައި 17 ޓޫރިސްޓަކާއި 48 މުވައްޒަފަކު ހިމެނެއެވެ.

އެއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 8834 އަށް އަރާފައެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 6288 އަށް އަރާފައި ވާއިރު، އެކްޓިވް ކޭސްގެ ގޮތުގައި ޖުމްލަ 2509 ކޭސް އެބަ ހުއްޓެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 127 އަށް އަރާފައެވެ. އައިސޮލޭޝަން ފެސިލިޓީގައި 1034 މީހަކު އެބަތިއްބެވެ. މި ބައްޔަށް ޕޮޒިޓިވްވި 8834 މީހުންގެ ތެރެއިން 31 މީހަކު ވަނީ ނިޔާވެފައެވެ.