މަސައްކަތުގެ މާހައުލުގައި ރާއްޖޭގައި ހާއްސަ ތަމްރީން ލިބިފައިވާ މުވައްޒަފުންގެ އަދަދު މަދުކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް ނަސީމް މިހެން ވިދާޅުވީ، ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދާއިރާތަކުން އިންސާނީ ވަސީލަތް ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭގޮތުން ކަމާގުޅޭ ވުޒާރާތަކުގެ ވަޒީރުންނާ ބައްދަލުކުރައްވައި، މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރެއްވި މަޗްވަރާ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ބައެއް މުހިންމު ދާއިރާތަކުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރިންގެ އަދަދު އެކަށީގެންވާ މިންވަރަށްވުރެ މަދުކަން ފާހަގަކުރައްވައި، އެ ދާއިރާތަކަށް ހާއްސަ އިސްކަމެއް ދީގެން އިންސާނީ ވަސީލަތް ތަރައްގީކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރަން ޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އިންޖިނިއަރިން ފަދަ ޓެކްނިކަލް ދާއިރާތަކާއި، އެ ނޫން ވެސް ރާއްޖެއަށް ބޭނުންތެރި މުހިންމު ދާއިރާތައް ދެނެގަތުމަށް ގައުމީ ފެންވަރެއްގައި މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސަރުކާރުގެ އަމާޒުހުރީ ރާއްޖެއަށް ލިބިފައިވާ މުއްސަނދިކަން ގައުމުގައި ހިފެހެއްޓޭނެ ގޮތަށް ކަންކަން ބައްޓަންކޮށްގެން ދިވެހިންނަށް މިހާރަށްވުރެ ބޮޑަށް ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ވަޒީރުން ވަނީ އެ ބޭފުޅުންގެ ވުޒާރާތަކަށް އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް އެންމެ ބޮޑަށް ބޭނުންވާ ދާއިރާތައް ފާހަގަކުރައްވާފައެވެ. އަދި ބައެއް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހާއްސަ ތަމްރީނު ލިބިފައިވާ މުވައްޒަފުންގެ އަދަދު މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ މައުލޫމާތު ވެސް އެ ބޭފުޅުން ވަނީ ހިއްސާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ މުސްތަފާ ލުތުފީ، މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ އައިޝަތު އަލީ، މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އައިޝަތު މުޙައްމަދު ދީދީ، މިނިސްޓާ އޮފް އެންވަޔަރަންމަންޓް ޑރ ޙުސައިން ރަޝީދު ހަސަން، މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑރ އިބްރާހީމް ހަސަން، މިނިސްޓާ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ޒަހާ ވަހީދު، މިނިސްޓާ އޮފް ޓޫރިޒަމް ޑރ އަބްދުﷲ މައުސޫމް، އަދި މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ އަހުމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.