އޮންލައިންކޮށް ކިޔަވައިދިނުމަށް މުދައްރިސުން އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ޕްރޮގްރާމަކީ ކޮމަންވެލްތު އެޑިޔުކޭޝަނަލް މީޑިއާ ސެންޓާ ފޯ އޭޝިއާ (ކެމްކާ) އާއި އެންއައިއީ އާ ގުޅިގެން އޮންލައިންކޮށް ކިޔަވައިދިނުމަށް މުދައްރިސުން އަހުލުވެރި ކުރުމުގެ ގޮތުން ފެށި ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.

އެ ޕްރޮގްރާމް ކުރިއަށް ދާނީ މި މަހުގެ 8 ން 10 އަށް، ކޮންމެދުވަހަކު 2 ގަޑިއިރަށް ކަމަށްވެސް އެ މިނިސްތްރީން މައުލޫމާތު ދެއެވެ.

އެ ޕްރޮގްރާމް ތައާރަފު ކޮށްދެއްވީ ކުމްކާގެ ޑިރެކްޓާ ޕްރޮފެސާ މަދޫ ޕަހާރުއެވެ. އެ ޕްރޮގްރާމް ފައްޓަވާދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓާ ޑރ އަބްދުﷲ ރަޝީދު އަހުމަދެވެ.

އެ ޕްރޮގްރާމްގައި ސަރުކާރުގެ އެކި ސްކޫލްތަކާއި ތައުލީމީ ދާއިރާގެ ބޭފުޅުން ހިމެނޭހެން ޖުމްލަ 677 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ކަމަށާއި އެ ސެޝަންތައް ކުރިއަށްދާނީ ޒޫމް މެދުވެރިކޮށް ކަމަށް އެޑިއޔކޭޝަނުން މައުލޫމާތު ދެއެވެ. ސެޝަންތައް ނަގައިދެއްވާނީ ކެމްކާއިން ހަމަޖައްސަވައި ދެއްވި ފެސިލިޓޭޓަރުންން ކަމަށްވރެސް އެޑިއުކޭޝަނުން މައުލޫމާތު ދެއެއެވެ.

އެ ޕްރޮގްރާމްގެ ބައިވެރިންނަށް އޮންލައިންކޮށް ކިޔަވައިދިނުން ރާވާނެގޮތާއި އޭގެ ވައްޓަފާޅި އާއި ގޫގުލް ކްލާސްރޫމާއި ގޫގުލް ޓޫލްތަކާއި އޮންލައިން ކިޔަވައިދިނުމުގައި ކުދިން އެސެސްކުރާނެގޮތާއި އަދި މުހިންމުބައެއް އޮންލައިން ޓޫލްތައް ކިޔައިދޭނެއެވެ.

މީގެ އިތުރު އެ ޕްރޮގްރާމްތަކެއް ކުރިއަށްއޮތް ދުވަސްތަކުގައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްތްރީން މައުލޫމާތު ދެއެވެ.