މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އަނެއްކާވެސް ޕިޝިން އީމެއިލްތަކެއް ފޮނުވަން ފަށައިފިއެވެ.

މިގޮތަށް ފޮނުވާ އީމެއިލްތަކުގައި ބުނަނީ، ނެޓްފްލިކްސް، ޕޭޕަލް ފަދަ އެކައުންޓެއްގެ ޕޭމަންޓެއް ސަކްސެސްފުލް ނުވުމުގެ ސަބަބުން (ނުހެދި ވުމުން) އަލުން އެ ޕޭމަންޓް ހެދުމަށް އެދިއެވެ. އަދި އެ އީމެއިލްގައި ފޮނުވާ ލިންކަށް ފިތާލުމުން، އެކައުންޓުން ފައިސާ ކަނޑަނީއެވެ.

މިކަމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ، އެ ބޭންކުގެ ކަސްޓަމަރުން މިފަދަ ކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. މީގެ ކުރިން ވެސް މިފަދަ ޕިޝިން އީމެއިލްތަކެއް ވަނީ ކަސްޓަމަރުންނަށް ލިބިފައެވެ.

އެގޮތުން، ކުރިން ބައެއް ފަރާތްތަކަށް ރޫޓީން ސެކިއުރިޓީ ޗެކު ކުރުމުގެ ނަމުގައި ބަޔަކު ފޮނުވާ ޕިޝިން އީމެއިލްތަކުގައި 'އިންޓަނެޓް ބޭންކް އެކައުންޓު އޯތަންޓިކޭޓް' ކުރުމަށް އީމެއިލްގައި އެޓޭޗް ކޮށްފައިވާ ލިންކެއް އޮވެއެވެ. އެ ލިންކަށް ފިތާލުމުން، އިންޓްނެޓް ބޭންކް އެކައުންޓުން ލޮގިން ވުމަށް އަންގައެވެ.

އެގޮތަށް އޮންނަ ލޮގިން ފޯމުގައި ޔޫސާ އައިޑީ އަދި ޕާސްވޯޑު ޖެހުމާއެކު، އެމީހެއްގެ ހުރިހާ މައުލޫމާތެއް އެ މެއިލް ފޮނުވި ފަރާތަށް ލިބޭނެއެވެ.

ޕިޝިން އީމެއިލް ނުވަތަ ސްކޭމް އީމެއިލް އަކަށް ޖަވާބު ދީ ނުވަތަ އޮންނަ ލިންކް އަކަށް ފިތާލުމުގެ ކުރިން، އެ އީމެއިލް އައިސްފައި އޮތް ލިންކް ނުވަތަ އެޑްރެސް ބަލާލުން މުހިންމެވެ. އަދި އެޑްރެސް ފެންނަން ނެތް ނަމަ، އެފަދަ އީމެއިލްގައި އޮންނަ ލިންކަށް 'މައުސް އޯވާ' ކޮށްލީމައި، އެ ލިންކަކަށް ފިތާލުމާއެކު ހުޅުވޭނެ 'ޕޭޖް' އެނގޭނެއެވެ.

މީގެ އިތުރުން، ބީއެމްއެލްގެ ނަމުގައި މީހުންނަށް ގުޅާ، އޮޅުވާލައިގެން ކޭޝް ކާޑުގެ މައުލޫމާތުތައް ހޯދުމާއި، ފައިސާ ހޯދުން ފަދަ ކަންކަން ވެސް ބައެއް ފަރާތްތަކުން ކުރެއެވެ. މިހާރުވެސް ދޭތެރެ ދޭތެރެއިން ކޭޝް ކާޑުގެ މައުލޫމާތު ހޯދަން އެކި މީސްމީހުނަށް ގުޅާކަން ފާހަގަ ކުރެވެއެވެ. އަދި މިގޮތަށް ފޯނު ކުރާ ފަރާތަކީ ތަކުރާރުކޮށް އެކަން ކުރަމުން އަންނަ ފަރާތެއް ކަމާއި، އޭނާއާ ބެހޭ މައުލޫމާތާއި ނަންބަރު އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައި ހިއްސާކުރި ނަމަވެސް ފުލުހުންނަށް އެމީހާ ހޯދިފައެއް ނުވެއެވެ.

ބީއެމްއެލުން ދަނީ މިފަދަ ކަންކަމަށް އާންމުން ހޭލުންތެރި ކުރުމަށް ގިނަ ގުނަ މަސައްކަތްތައް ކުރަމުންނެވެ.