މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތިން ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ހިންގާ ގަވާއިދު، އެ ބޯޑުން ފާސްކޮށް ގެޒެޓްގައި ޝާއިއުކޮށްފިއެވެ.

މި ގަވާއިދު ގެޒެޓްގައި މިދިޔަ ހޯމަ ދުވަހުއެވެ. ޕްރޮކިއުމަންޓް ބޯޑަކީ، ޕްރޮކިއުމެންޓާ ގުޅޭ ސިޔާސަތުތައް އެކުލަވައިލައި ތަންފީޒުކޮށް، ނިޒާމު ހަރުދަނާ ކުރުމަށް އެކުލަވާލާފައިވާ ބޯޑެކެވެ. މިދިޔަ ފެބްރުއަރީ 23 ވަނަ ދުވަހު މި ބޯޑު އެކުލަވާލައިފައި ވާއިރު، މި ބޯޑުގައި ތިބެނީ 7 މެންބަރުންނެވެ.

މި ބޯޑުގެ ޗެއާޕާސަން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހަމަޖައްސާފައިވާއިރު، މެންބަރުންގެ ތެރޭގައި ހިމެނެނީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަރީފާއި، މުހައްމަދު އިބްރާހިމް ނައީމް، މުހައްމަދު ޝިިފާޒް އަލީ، އަޖުވަދު މުސްތަފާގެ އިތުރުން ޑރ. މުހައްމަދު އާދިލް އަދި ޝުހާދު އިބްރާހިމެވެ.

ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ހިންގާ ގަވައިދުގައިވާ ގޮތުގައި، އެ ބޯޑުގެ މެންބަރަކު ދައުލަތުގެ ޕްރޮކިއުމަންޓުގެ މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ. އަދި ޕަބްލިކް ޕްރޮކިއުމަންޓް ނުވަތަ އެފަދަ ދާއިރާއެއްގެ މަސައްކަތު ތަޖުރިބާ، ކޮންޓްރެކްޓާ ގުޅޭ ފަންނަނީ ހުނަރާއި މައުލޫމާތު ހުރުމުގެ އިތުރުން އެމީހެއްގެ މައްޗަށް ފައިސާއާބެހޭ މައްސަލައެއްގައި ކުށެއް ސާބިތުވެފައި ހުރެގެން ނުވާނެއެވެ.

ހަމައެއާއެކު ޖިނާއީ ކުށެއް މެންބަރެއްގެ މައްޗަށް ސާބިތުވުމުން ނުވަތަ މަގުބޫލު އުޒުރެއް ނެތި ވިދިވިދިގެން 3 ބައްދަލުވުމަށް ހާޒިރު ނުވެއްޖެނަމަ އެ މެންބަރަކު ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން ވަކިވާނެއެވެ.

މީގެ އިތުރުން މި ގަވާއިދުގައި މި ބޯޑަށް ގިނަ މަސްއޫލިއްޔަތުތަކަކާއި ބާރުތަކެއް ދީފައިވެއެވެ. އެގިތުން ޕްރޮކިއުމަންޓް ނިޒާމު ރާވާ ހިންގުމާއި، އެ ނިޒާމު ހިންގުމަށް ގާނޫނާއި ގަވާއިދު އެކުލަވާލުމުގެ އިތުރުން އެ ގަވާއިދުތަކަށް ބަދަލު ގެނައުން ހިމެނެއެވެ. އަދި ދެފުށް ފެންނަ، ހާމަކަން ބޮޑު ބީލަމުގެ މަހައުލެއް އުފެއްދުމުގެ އިތުރުން ބީލަމުގެ މައްސަލަ ބަލާ ނިޒާމެއް އެކުލަވާލުމާއި، ބީލަމުގެ މަރުހަލާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ނަޒާހަތްތެރިކަން ދެމެހެއްޓުން ވެސް ހިމެނެއެވެ.