އަހަރު ދުވަސް ތެރޭ މުސާރައާއި އެހެނިހެން އިނާޔަތްތަކުގެ ގޮތުގައި ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިވަޑައިގަންނަވާ ކަމަށް މަޖިލިހުގެ މެންބަރުންގެ މާލީ ބަޔާނުން ހާމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން އާއްމުކޮށްފައި ވާ، ރައީސް ނަޝީދުގެ މާލީ ބަޔާނުގައި ވާ ގޮތުން މިދިޔަ އަހަރުގެ މެއި މަހުގެ 28އިން ފެށިގެން މި އަހަރުގެ މެއި 27ގެ ނިޔަލަށް 3185،036 ރުފިޔާ ވަނީ ލިބިވަޑައިގެންފައެވެ. އެއީ މަޖިލީހުގެ ރައީސްގެ މަގާމާއި ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންނަށް ދެއްވާ އިނާޔަތުގެ ގޮތުގައެވެ. އޭގެ އިތުރުން ބެންކް އިންޓްރެސްޓްގެ ގޮތުގައި 36092.21 ރުފިޔާ ލިބިވަޑައިގެންފައި ވާއިރު، އެ ނޫން އިތުރު އާމްދަނީއެއް ލިބޭ ކަމަށް، މާލީ ބަޔާނުގައި ނެތެވެ.

ރައީސް ނަޝީދުގެ ނަމުގައި ތިން އެކައުންޓެއް އޮތް އިރު، އެއީ ސްޓޭޓް ބޭންކް އިންޑިޔާގެ އެކައުންޓަކާއި ބެންކް އޮފް މޯލްޑިވްސްގެ އެކައުންޓެއްގެ އިތުރުން އިސްލާމިކް ބޭންކުގެ އެކައުންޓެކެވެ.

ޖުމްލަ ތިން އެކައުންޓުގައި ފައިސާ ހުރި އިރު، އޭގެ ތެރެއިން އެންމެ ގިނައިން ހުރި އެކައުންޓުގައި ޖުމްލަ 1،596،773.45 ރުފިޔާ އެބަ ހުއްޓެއެވެ. އެއީ ސްޓޭޓް ބޭންކް އޮފް އިންޑިޔާ އެކައުންޓުގައެވެ. ބީއެމްއެލްގެ އެކައުންޓުގައި 41،471.71 ރުފިޔާ ހުރި އިރު، އިސްލާމިކް ބޭންކުގައި 76،979.62 ރުފިޔާ ހުރި ކަމަށް މާލީ ބަޔާނުން ދައްކައެވެ.

މީގެ އިތުރުން އެ ބަޔާނުގައި ކުންފުންޏެއްގެ ހިއްސާއެއް ނުވަތަ ރައީސް ނަޝީދުގެ ނަންފުޅުގައި ނަންގަވާފައިވާ ދަރަންޏެއް ނެތް ކަމަށްވެސް ވެއެވެ. ނަމަވެސް ރައީސް ނަޝީދުގެ ނަންފުޅުގައި އަމިއްލަ ގޯއްޗެއް ލ.ގަމުގައި އޮންނަ ކަމަށް އެ ބަޔާނުގައި ވެއެވެ.