ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނާއި ފައިނޭންސިން އަށް ފައިސާދެއްކުން ދެވަނަ ފަހަރަށް ފަސްކުރުމަށް ހުޅުވާލާ ފުރުސަތުގެ ދަށުން ސެޕްޓެމްބަރު މަހު ފައިސާ ދައްކަން ފަށަންޖެހޭ ކަސްޓަމަރުންނަށް އެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އެ ފުރުސަތު ލިބިގެންދާނީ މިހާރުވެސް ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަސްޓަމަރުންނަށް ކަމަށް ބީއެމްއެލްއިން ބުނެއެވެ. އެގޮތުން ބީއެމްއެލްގެ ވެބްސައިޓްގައިވާ މޮރަޓޯރިއަމް ޕޯޓަލް މެދުވެރިކޮށް ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ދެވަނަ ފަހަރަށް އެދި ހުށަހަޅެނޭ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލް އިން ބުނީ އެ ޕޯޓަލްގައި ދެވަނަ ފަހަރަށް ފައިސާ ދެއްކުން ފަސްކޮށްދެވޭނެ ލޯނުގެ ތަފްސީލާއި ލޯނަށް ފައިސާ ދައްކަންޖެހޭ އަދަދުތައް ހިމެނިފައިވާނެ ކަމަށާއި އަދި ދެވަނަ ފަހަރަށް ލޯނަށް އަނބުރާދައްކަން ޖެހޭ އަދަދުތަކުގެ ތަފްސީލް ވެސް ފެންނާނެ ކަމަށެވެ.
ލޯނު އަނބުރާ ދެއްކުން ދެވަނަ ފަހަރަށް ފަސްކުރުމަށް އެދި ހުށަހަޅާ ހުށަހެޅުން އެޕްރޫވްވުމާއެކު ޑިސެމްބަރު މަހާ ހަމަޔަށް ބޭންކަށް އެއްވެސް ފައިސާ އެއް ދައްކާކަށް ނުޖެހޭނެ ކަމަށް ބީއެމްއިން އިން ވަނީ ބުނެފައެވެ. އަދި އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހު ފައިސާ ދައްކަން ފަށަންޖެހޭ ކަސްޓަމަރުންނަށް އެ ފުރުސަތު އޮކްޓޯބަރު 8 އަދި ނޮވެމްބަރު 8 ގައި ހުޅުވާލެވޭނެ ކަމަށެވެ.
ބީއެމްއެލް އިން ބުނީ ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ނަގާފައިވާ ފައިނޭންސަށް ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދި ދެވަނަ ފަހަރަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމާ ބެހޭ މައުލޫމާތު ބޭންކުން ހާމަކުރާނެ ކަމަށެވެ. އަދި ލޯނަށް އަނބުރާދައްކަން ޖެހޭ ފައިސާ ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ލޯނަށް ފައިސާ ދެއްކޭނެ ކަސްޓަމަރުން ދެވަނަ ފަހަރަށް ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދި ކޮންމެހެން ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. .އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް އިން ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.