ވަޒީރުން ވަކިކުރަން ގާނޫނުގައި ބުނެފައިވާ އުސޫލުތަކާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު "ކުޅުއްވާ" ކަމަށް އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ތުހުމަތު ކުރައްވައިފިއެވެ.

ހަމީދު މިފަދައިން ތުހުމަތު ކުރެއްވީ، އިިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ވެއްދުމުގެ ކުރިން، އެމްޑީޕީގެ ގައުމީ މަޖިލިހަށް ވެސް ހުށަހެޅުމުގެ މަސައްކަތް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާތީއެވެ.

މިކަމާ ގުޅިގެން ހަމީދު ވަނީ ފައްޔާޒްގެ މައްސަލައެއް އޮތް ނަމަ އެކަމަށް އޮތް އިޖުރާއަތްތައް ފުރިހަމަ ނުކުރެއްވީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އެގޮތުން، މަޖިލީސް ކޮމިޓީތަކާއި، ތަޅުމުގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން ވެސް އޮތްކަން ފާހަގަ ކުރައްވާ ހަމީދު ވިދާޅުވީ، އެއިން އެއްވެސް ކަމެއް ނުކޮށް ވަކި މީހަކު ބުނީތީ އިތުބާރު ގެއްލުމަކީ ޒާތީވުން ކަމުގައި ވިދާޅުވެފައެވެ.

ޖަވާބުގައި ރައީސް ނަޝީދުގެ ޓްވިޓާ ހިޔަނި އެކައުންޓު (އެލެކްސް އަހުމަދު) ބުނީ ދިވެހި ވެރިކަމާއި އިސްތިގްލާލް އަދި ތަރައްގީ ވަރުގަދަ ކުރެވޭނީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ވަރުގަދަ ކޮށްގެން ކަމަށެވެ. އަދި އެމްޑީޕީ މެންބަރުންނާ މެދު ފިޔަވަޅު އަޅަން ވާނީ އެމްޑީޕީ ގުނަވަން ތަކުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑީއާރްޕީ އަދި ޕީޕީއެމް ވެސް ބަލިވީ ވެރިން ޕާޓީ ދޫ ކުރެއްވުމުން ކަން ފާހަގަ ކޮށް އެލެކްސް ބުނީ އެމްޑީޕީ އަކީ އެތެރޭގެ ހިންގުމުގެ ނިޒާމު އޮތް ޕާޓީއެއް ކަމަށެވެ.

ރައްދުގައި ހަމީދު ވިދާޅުވީ، ވަޒީރަކާ މެދު ޝައްކެއް އުފެދިއްޖެ ނަމަ، ގާނޫނުއަސާސީން ލާޒިމް ކުރަނީ މަޖިލީހާއި އޭސީސީ ފަދަ މުއައްސަސާތަކަށް ހުށަހެޅުމަށް ކަމަށެވެ. ނޫނީ މާ ބާރުގަދަ ފަރާތަކުން އިންސާފުން އެއްކިބާ ކުރެވި ދާނެ ކަމަށާއި ދުސްތޫރު އޮތީ ރިޔާސީ ނިޒާމަކަށް ކަމަށް ހަމީދު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ނަޝީދު އިއްޔެ ހަވީރު ވަނީ، ފައްޔާޒާ ދެކޮޅަށް 30 ސޮއި ހަމަ ކުރެއްވިފައި ވާ ކަމަށާއި އަދި 35 ސޮއި ހަމަކުރެއްވުމަށް ފަހު، އެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

ނަޝީދު ވަނީ އެމްޑީޕީގެ ތެރޭގައި ހިނގާ ކަންތައްތައް ޕާޓީގެ ތެރެއިން ނިންމުން ރަނގަޅުވާނެ ކަމަށާއި ފައްޔާޒުު ވެސް ޕާޓީއަށްޓަކައި ދުވަސް ކޮޅަކަށް ބޭރުގައި މަޑުކުރެއްވުން ރަނގަޅުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން ފަހަތަށް ޖެހެން ޖެހޭ ފަހަރު އެމަނިކުފާނުވެސް ފަހަތަށް ޖެހިވަޑައިގަންނަވާ ކަމަށް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަށް ކުރިން ކުރެއްވވި މަސައްކަތުގައި ނަޝީދަށް ހަމަ ކުރެއްވުނީ 19 ސޮއިއެވެ. ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ފާސްކުރަން 44 ވޯޓު ބޭނުން ވާއިރު، އެ އަދަދަށް ނަޝީދަށް އަދި ވޯޓު ހަމަކުރެއްވިފައެއްވެސް ނުވެއެވެ. އަދި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެ މައްސަލައިގައި ނަޝީދާ ދެކޮޅަށް ވެސް ނުކުންނަވާފައެވެ. ނަމަވެސް ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އުޅޭ ސަބަބެއް މިހާތަނަށް އެކަމުގައި އުޅުއްވާ ބޭފުޅުން ހާމަކުރައްވާފައެއް ނުވެއެވެ.