ގާނޫނާ އެއްގޮތަށް ނޫޅޭ މީހުންނަށް ފިޔަވަޅު ނާޅާ ނަމަ މި ހިންގެނީ ގާނޫނީ ދައުލަތެއް ކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ސުވާލު އުފައްދަވައިފިއެވެ.

އާޒިމް ކުރެއްވި ޓްވީޓެއްގައި ވަނީ އިންޓަނޭޝަނަލް ޖަމިއްޔާތަކުން ރާއްޖެ ސަސްޕެންޑް ކޮށްފާނޭ ކިޔައި ގާނޫނާއި ގަވާއިދާ އެއްގޮތަށް ނޫޅޭ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު ނާޅާ ނަމަ މި ހިންގަނީ ގާނޫނީ ދައުލަތެއްތޯ އައްސަވާފައެވެ. އަދި އެ އުސޫލުން ބަލާނަމަ ފޭރުމާއި ވައްކަންވެސް އޯކޭ ވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ، ކުޅިވަރުގެ ގާނޫނާއި ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތަކެއް ހުންނާނެ ކަމަށާއި އެއިރެއްގައި ހުންނަވާ މިނިސްޓަރަކު ގަވާއިދުތައް ހައްދަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. މިއަދާ ހަމައަށް އައި އިރުވެސް ގިނަ ގަވާއިދުތަކެއް ނުހަދާ އޮތް ކަން ފާހަގަ ކުރައްވަމުން އާޒިމް ވިދާޅުވީ، ހަދާފައި ހުރި ގަވާއިދުތަކާ ހިލާފަށް ކަން ކުރަމުން ދާ ތަން ފެނިވަޑައިގަންނަވާ ކަމަށެވެ.

ޔޫތް މިނިސްޓްރީގެ ދަށުން ބައެއް އެސޯސިއޭޝަންތައް ހިންގަމުން ގެންދަނީ ގަވާއިދާ އެއްގޮތަށް ނޫން ކަމަށް މީގެ ކުރިން ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން ގަވާއިދަށް ނުހިނަގާ ނަމަ އެއީ ގާނޫނީ ދައުލަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ނުގަވާއިދުން ހިންގާ ތަނެއްގައި ތިބޭ ބަޔަކަށް ދައުލަތުގެ ފައިސާވެސް ދެވިގެން ނުވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. ގާނޫނާ އެއްގޮތަށް އުޅޭ މީހުންނަށް ކަންކަން ކޮށްދޭން ޖެހޭނެ ކަމަށާއި ގާނޫނާ ހިލާފަށް އުޅޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ ސަރުކާރާއި މަޖިލީސް އަދި ކޯޓުތަށް ކުޅިވަރުގެ ތެރެއަށް ވަންނަނަމަ ކުޅިވަރުތަކުން ރާއްޖެ ސަސްޕެންޑް ކުރުމުގެ ފުރުސަތު ބޮޑުކަމަށް ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މިނިސްޓަރު މަހްލޫފް ވިދާޅުވެފައި ވަނީ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ރާއްޖެ ސަސްޕެންޑް ކޮށްފާނެ ކަމުގެ އިންޒާރުގެ ސިޓީގެ ކޮޕީއެއް ލިބިވަޑައިގެންފައި ވާ ކަމަށެވެ.

މީގެ ކުރިންވެސް މިނިސްޓަރު މަހްލޫފާ ދެކޮޅަށް އާޒިމް ވަނީ ވާހަކަ ދައްކަވާފައެވެ. އެ ގޮތުން އެމްޑީޕީގެ ފަރާތުން ތިއްބެވި ވަޒީރުން ކަންކަން ނިންމަވަން ވާނީ އެމްޑީޕީއާ މަޝްވަރާ ކުރެވިގެން ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝަވަރާ ކުރެވިގެން ނިންމަން ޖެހޭ ކަންކަންކަންވެސް ހުރި ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު މަހުލޫފްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ބުނެ، މިދިޔަ ޖުލައި ވަނީ އަޑު ފެތުރިފައެވެ. އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން އުޅުއްވަނީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ކަމަށާއި އިތުބާރު ނެތްކަމުގެ މައްސަލައިގައި އެއްވެސް މެންބަރަކު ސޮއިކުރައްވާފައި ނުވާކަމަށްވެސް ވަނީ ވާހަކަ ދެކެވިފައެވެ.

މީގެ އިތުރުން އެފްއޭއެމްގެ އިންތިހާބުގެ މައްސަލައިގައި މަހުލޫފް އާއި އާޒިމް އާ ދެމެދު ވަނީ ނުތަނަވަސްކަން އުފެދިފައެވެ.