ދައުލަތާއި ދައުވާ ލިބޭ ފަރާތުގެ ވަކީލުންނަށް ލެޕްޓޮޕާޓި ޓެބްލެޓް އަދި ސްމާޓް ފޯނު ޝަރީއަތުގެ މަޖިލީހަށް ވެއްދުމުގެ ފުރުސަތު ދިނުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މި ފުރުސަތު ދޭން ނިންމާފައި ވަނީ ކޮވިޑް-19 އާ ގުޅިގެންއާ ގުޅިގެން ދިވެހިރާއްޖޭގައި ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވުމާއެކު، މިބަލި ފެތުރުން މަދުކުރުމުގެ ގޮތުން އަތުންއަތަށް ބަދަލުކުރެވޭ ލިޔެކިޔުންތައް ވީހާވެސް މަދުކުރުމަށްޓަކައި، ކަމަށް އެ ކޯޓުން ބުނެއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަޔާނުގައި ބުނީ، ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އެ ކޯޓަށް އިލެކްޓްރޯނިކް ޒަރިއްޔާއިން މައްސަލަ ހުށަހެޅުމުގެ އިންތިޒާމުތައް ހަމަޖައްސާފަިއވާ ކަމަށެވެ. އަދި ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ލިޔުންތައް އީމެއިލްގެ ޒަރިއްޔާއިން ދަޢުވާލިބޭ ފަރާތްތަކަށް ފޮނުވަމުންދާ ކަމަށް އެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

އެހެންކަމުން، ކޯޓަށް ހާޒުރުވާ ވަކީލުންނަށް ވެސް މައްސަލަތަކުގެ ލިޔެކިޔުންތަކުގެ ކަރުދާސް ކޯޓަށް ގެނައުމުގެ ބަދަލުގައި، އެ ލިޔެކިޔުމުގެ ޑިޖިޓަލް ކޮޕީބޭނުންކުރުމުގެ ފުރުސަތު ދިނުމަށް މިހާރު ނިންމާފައިވާ ކަމަށް އެ ކޯޓުން ބުނެއެވެ.

އަޑުއެހުންތައް ތާވަލުކުރުމަށް ވަކީލުންނާ މަޝްވާރާ ކުރަންބަލާއިރު، އާންމު ގޮތެއްގައި ވަކީލުންގެތާވަލު އިންތިޒާމުކުރަމުން ގެންދަނީ އޮންލައިން އެޕްލިކޭޝަންތަކުގެ އެހީގައެވެ. އެހެންކަމުން ޝަރީއަތުގެ މަޖިލީހަށް ލެޕްޓޮޕާއި ޓެބްލެޓާއި ފޯނުފަދަ ވަސީލަތްތައް ނުވެއްދޭތީ، ތާވަލު ބެލުމުގެ ފުރުސަތު ދިނުމަށް ވަކީލުން އެދެމުން އެ ފުރުސަތު ދިނުމަށްޓަކައި ޝަރީއަތުގެ އަޑުއެހުން މެދުކަނޑާލަންޖެހޭ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ. ނަތީޖާއެއްގެ ގޮތުން ކޯޓާއި ވަކީލުންގެ ވަރަށްގިނަ ވަގުތު ގެއްލިގެންދެއެވެ.

އިއްޔެއިން ފެށިގެން ޝަރީއަތުގެ މަޖިލީހަށް ފޯނާއި ލެޕްޓޮޕް އަދި ޓެބްލެޓް ވެއްދުމުގެ ހުއްދަ ދީފައިވީ ނަމަވެސް، ޝަރީއަތުގެ މަޖިލީހުގައި ހިނގާ ކަންކަން ރިކޯޑްކޮށް ފޮޓޯ ނަގައިގެން ނުވާނެއެވެ. މިފަދަ ކަމެއްކޮށްފިނަމަ އެ ވަކީލަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.