ތ. ގުރައިދޫ ޖެޓީއާ ދިމާ ފަޅުތެރެއަށް ވެއްޓި 84 އަހަރުގެ މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ މިރޭ 8:45 ހާއިރު ގުރައިދޫ ގައި 84 އަހަރުގެ ދިވެހި ފިރިހެނަކު އެރަށު ޖެޓީ އާ ދިމާ ފަޅުތެރެއަށް މޫދަށް ވެއްޓިފައިވާ ކަމަށެވެ. އަދި އެމީހާ ގުރައިދޫ ހެލްތު ސެންޓަރަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމައްސަލަ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ފަޅުތެރެއަށް ވެއްޓިފައި އޮއްވާ ފެނިގެން ސަލާމަތްކޮށްފައިވަނީ ޑިންގީ އެއްގައި ތިބި ބައެކެވެ.

އެމީހާ މަރުވެފައިވާ ކަން ހެލްތު ސެންޓަރުން ކަށަވަރުކޮށްދީފައިވަނީ މިރޭ 9:15 ހާއިރު ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.