ރާއްޖެއިން މިއަދު 83 މީހުން ކޮވިޑަށް ޕޮޒިޓިވެފައިވާ ކަމަށާއި އޭގެތެރޭގައި 61 ދިވެހިން ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 61 ދިވެހިންނާއި 22 ބިދޭސީ އެކެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 82 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 1 މީހެކެވެ.

މިއަދު ޕޮޒިޓިވްވި 83 މީހަކާއި އެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 8667 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވެފައި ވަނީ 116 މީހުން ކަމަށް އެޗްޕީއޭން ބުނެއެވެ.

މިހާރު ހޮސްޕިޓަލުގައި 142 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1118 މީހަކު އެބަ ތިއްބެވެ. މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 29 މީހަކު ވަނީ ނިޔާވެފައެވެ. އަދި ޕޮޒިޓިވްވެފައި ވަނިކޮށް 6 މީހަކު ނިޔާވެފައިވައިރު، އެމީހުން ނިޔާވެފައި ވަނީ ކޮވިޑްގައި ނޫން ކަމަށް ވަނީ ނިންމާފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 35 ރަށަކާއި 22 ރިސޯޓެއް ވާއިރު، ރިސޯޓުތަކުން ހިމެނެނީ 19 ޓޫރިސްޓަކާއި 48 ސްޓާފުންނެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސް ފެނިފައިވާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، ށ. އަތޮޅުން ޅައިމަގާއި ފީވަށް، ނ. އަތޮޅުން މިލަދޫއާއި ކުޑަފަރިއާއި މާޅެންދޫ، ބ. އަތޮޅުން ހިތާދޫއާއި ތުޅާދޫއާއި އޭދަފުށި، ރ. އަތޮޅުން ރަސްމާދުއާއި އިނގުރައިދޫއާއި ދުވާފަރާއި، ކިނޮޅަސް، ޅ. އަތޮޅުން ނައިފަރާއި ކުރެންދޫއާއި ކ. އަތޮޅުން ދިއްފުއްޓާއި ތުލުސްދޫއާއި ހިންމަފުއްޓާއި މާފުށި، އއ އަތޮޅުން މަތިވެރި، ފ. އަތޮޅުން ބިލެއްދޫއާއި ނިލަންދޫއާއި ދަރަބޫނދޫ، ދ. އަތޮޅުން ކުޑަހުވަދޫއާއި މީދޫ، ލ. ފޮނަދޫ އާއި ގަން، ގއ. އަތޮޅުން ވިލިނގިލި، ގދ. އަތޮޅުން ފަރެސްމާތޮޑާއާއި ހޯޑެއްދޫއާއި ތިނަދޫ، ސ. އަތޮޅުން ފޭދުއާއި ގަމާއި، ހިތަދޫ އަދި މަރަދޫއެވެ.

މި ރަށްރަށުގެ ތެރެއިން މޮނިޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯޑެއްދޫ އާއި ގދ. މަޑަވެލި އެކަނި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ސަރަހައްދީ ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން އެކްޓިވް ކޭސްތަކަށް ފަރުވާ ދެމުން ދަނީ ބ އަތޮޅު ކޮވިޑް ފެސިލިޓީ އާއި ލ ގަން ކޮވިޑް ފެސިލިޓީގެ އިތުރުން ގއ. ވިލިގިނލި ކޮވިޑް ފެސިލިޓީއެވެ.