އިމާރާތުގެ ބޭރުގައި ސިމެންތި ޖެހުމަށް ހޮޅި އަޅަން އުޅުނު މީހަކު 3 ވަނަ ފަންގިފިލާއިން ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލެ ލޮޓް 10527 ގެ އިމާރާތުގެ ބޭރުގައި ސިމެންތި ޖެހުމަށް ހޮޅި އަޅަން އުޅުމުގެ ތެރޭގައި އެ އިމާރާތުގެ 3 ވަނަ ފަންގިފިލާއިން ބަންގްލަދޭޝް މީހަކު ވެއްޓުނު ކަމުގެ މައުލޫމާތު މިއަދު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދާއިރު އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމައްސަލަ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަދަމުންދާ އިމާރާތް ތަކުން އެއްޗެހި ވެއްޓި މަގުމަތިން ހިނގާފައި ދާ މީހުންނަށް އަނިޔާ ވުމާއި، މަސައްކަތް ކުރާ މީހުންނަށް އަނިޔާވުން ފަދަ ހާދިސާތައް ވަނީ އާންމު ވެފައެވެ.

އެފަދަ ހާދިސާތަކުގެ ތެރޭގައި މީހުން މަރުވާ ހާދިސާތައް ވެސް ހިމެނެއެވެ. އޭގެ ސަބަބުން، އިމާރާތް ކުރާ މިފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް، ކަމާބެހޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.