ރ. މަޑުއްވަރީ ކައިރިން ބަނޑުން ޖަހާލި ޑިނގީގައި ތިބި 4 މީހުން ސަލާމަތް ކޮށްފިއެވެ.

ފުލުހުން ބުނީ، ރ. މަޑުއްވަރީ ކައިރީ އޮތް ފަުރަށެއްގެ ފަޅުތެރެއަށް ބަނޑުން ޖަހާލި ޑީންގީގައި 4 މީހުން ތިބި ކަމަށެވެ. އަދި އެ ހަތަރު މީހުން ސަލާމަތްކޮށް ފުލުހުންގެ އެހީތެރިކަމާއެކު މަޑުއްވަރީއަށް އެމީހުން ގެންދާކަމަށް ފުލުހުން ބުނެއެެވެ.

މިއަދު މި ހާދިސާ ހިނގައިގެން ރިޕޯޓު ކޮށްފައި ވަނީ މިއަދު ހަވީރު 4:06 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި މި ޑީންގީ ބަންޑުން ޖަހާލަން މެދުވެރިވީ ސަބަބު ފުލުހުން ހާމައެއް ނުކުރެއެވެ.

މި ދުވަސް ވަރަަކީ ވިއްސާރަ ދުވަސްވަރެއް ކަމުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، ހުޅަނގުދެކުނާއި ހުޅަނގުން، އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދަށް ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ދެކުނުގެ ސަރަހައްދަށް 5 މޭލާއި 15 މޭލާދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދުގެ ކަނޑުތައް ގަދަ ވާނެ، އަދި ދެކުުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް އެފަރާތުން ބުނެއެވެ. ރާޅުގެ އުސްމިން 4 ފޫތާއި 7 ފޫޓަށް އުފުލޭނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.