ރ. މަޑުއްވަރީ ކައިރީ ފަޅުރަށެއްގެ ފަޅުތެރެއަށް ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.

ފުލުހުން ބުނީ، މިއަދު ރ. މަޑުއްވަރީ ކައިރީ އޮތް ފަޅުރަށެއްގެ ފަޅުތެރެއަށް ޑިންގީއެއް ބަންޑުން ޖަހާލައިގެން އުޅޭ ކަމަށް ހަވީރު 4:06 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދާ ކަމަށް ފުލުހުން ބުނެއެވެ.

އެ ޑިންގީގައި ތިބީ ކިތައް މީހުން ކަމެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.

މި ދުވަސް ވަރަަކީ ވިއްސާރަ ދުވަސްވަރެއް ކަމުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، ހުޅަނގުދެކުނާއި ހުޅަނގުން، އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދަށް ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ދެކުނުގެ ސަރަހައްދަށް 5 މޭލާއި 15 މޭލާދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދުގެ ކަނޑުތައް ގަދަ ވާނެ، އަދި ދެކުުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް އެފަރާތުން ބުނެއެވެ. ރާޅުގެ އުސްމިން 4 ފޫތާއި 7 ފޫޓަށް އުފުލޭނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.