ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާން ކުރާ ކަންކަން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ފުރިހަމަ ކޮށްފައި ނުވާ މައްސަލަގައި އިލެކްޝަން ކޮމިޝަން (އީސީ) އާއި ޑީއާރްޕީ ބައްދަލުކޮށް މަޝްވަރާކޮސޤފިއެވެ.

މި ބައްދަލުވުމުގައި ޑީއާރްޕީން ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާން ކުރާ ކަންކަން ފުރިހަމަ ކުރުމުގައި އެ ޕާޓީއަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭގޮތުން އީސީއަށް މައުލޫމާތު ދީފައެވެ. މި ބައްދަލުވުމުގައި އީސީއާއި ޑީއާރްޕީގެ ލީޑާޝިޕްގައި ހިމެނޭ ފަރާތްތައް ވަނީ ބައިވެރިވެލައްވާފައެވެ.

ގާނޫނާ ހިލާފުވި މައްސަލާގައި އީސީން ވަނީ މިދިޔަ ޖޫން މަސް ތެރޭގައި ޑީއާރްޕީއާމެދު ފިޔަވަޅު އެޅުމަށް ނިންމާފައެވެ.

އީސީން ޑީއާރްޕީއާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައި ވަނީ އެ ޕާޓީގެ އަސާސީ ގަވަޢިދާ ތަކުރާރުކޮށް ހިލާފުވެފައިވާތީއެވެ. އެގޮތުން 2016 އަދި 2019 ވަނަ އަހަރު ކޮށްފައިވާ ޖޫރިމަނާތަކުގެ ފައިސާ ދައްކާފައިނުވާއިރު، ދެ ފަހަރެއްގެ މަތިން އެދުމުން ވެސް ފައިސާ ދައްކާފައި ނުވާ ކަމަށް އީސީން ބުނެއެވެ.

އީީސީން ބުނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތަށް 2018 އަދި 2019 ވަނަ އަހަރުގެ ޕާޓީގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ވެސް ކޮމިޝަނަށް ހުށަހަޅާފައިނުވާ ކަމަށެވެ. އެ ކޮމިޝަނުން ބުނީ ޑީއާރްޕީއަށް އެކި ފަހަރު މަތިން ނަސޭހަތާއި އިންޒާރު އަދި ފިޔަވަޅު އަޅާފައިވާއިރު އިތުރަށް އަޅާން ހުރި އެންމެ ފަހުގެ ފިޔަވަޅާ ބެހޭ ގޮތުން އެ ޕާޓީއާއެކު މަޝްވަރާކޮށް ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.