ދައުލަތުގެ އޮފީސްތަކަށް ހިލޭ އެެހީގެ ގޮތުގައި ލިބޭ ހަރު މުދަލުގައި މައުލޫމާތު ހިއްސާކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އެދިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ދައުލަތުގެ ކެޕިޓަލް ބަޖެޓުން ހަރަދުކޮށްގެންނާއި އެހީގެ ގޮތުގައި ލިބޭ ހަރު މުދާ، އަދި އެނޫންވެސް ގޮތްގޮތަށް ލިބޭ މުދާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ކުރެވޭ މަސައްކަތް ދައުލަތުގެ ހަރު މުދަލުގެ ރަޖިސްޓްރީގައި ހިމަނަައިގެން ބަލަހައްޓަންވާނެ ކަމަށް މާލިއްޔަތު ގަވައިދުގައި ބުނެފައިވާ ކަމަށެވެ.

ނަމަވެސް، ދައުލަތުގެ އޮފީސްތަކުން އެހީގެ ގޮތުގައި ލިބޭ ތަކެތީގެ މައުލޫމާތު ފޮނުވަމުން ނުދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ، ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓްރީއެއް ހެދުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާތީ ދައުލަތުގެ އޮފީސްތަކަށް މިއަހަރުގެ ޖެނުއަރީން ފެށިގެން ޖުލައިގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ މުދަލުގެ މައުލޫމާތު ހޯދުމަށް އީމެއިލްގެ ޒަރިއްޔާއިން އެދިފައިވާނެ ކަމަށެވެ.

ނަމަވެސް މި މައުލޫމާތު ފޯރުކޮށްދީފައި ވަނީ މަދު އޮފީހަކުން ކަމަށް ފިނޭންސް މިނިސްޓްރީ ބުނެއެވެ. އެ މިނިސްޓްރީން ބުނީ މި މައުލޫމާތު ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓްރީގެ ގޮތުގައި ޕަބްލިކް އެކައުންޓިން ސިސްޓަމުގައި ރިކޯޑް ކުރުމަށް ބޭނުންވާ ކަމަށެވެ.

އެހެންކަމުން ދައުލަކުގެ އޮފީސްތަކުގައިވާ ހަރުމުދަލުގެ މައުލޫމާތު މިމަހުގެ 10 ވަނަ ދުވަހު 14:00ގެ ކުރިން ހިއްސާކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.