މާފަންނު ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ހޯދައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި މާފަންނު ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓާއި 30 ސެލޯފިންކޮޅު ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން 21 އަހަރުގެ ތިން ފިރިހެނުން ހައްޔަރުކޮށް މައްސަލަދަނީ ތަހުގީގު ކުރަމުން ދާއިރު، ހޯމް މިނިސްޓްރީގެ 2019 ވަނަ އަހަރު ތަފާސް ހިސާބުތައް ބުނާ ގޮތުން އެ އަހަރު އެންމެ ގިނައިން ހުށަހެޅިފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ.

އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އަތުގައި ބެހެއްޓުމާއި، މަސްތުވާތަކެތި އެތެރެކުރުމާއި ވިއްކުމާއި، ބަނގުރާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުން ފަދަމަސްތުވާތަކެއްޗާ ގުޅޭ 119 މައްސަލަ ހުށަހެޅިފައި ވެއެވެ. އެއީ ހުށަހެޅުނު މައްސަލަތަކުގެ 35 ޕަސަންޓެވެ. މައްސަލަތަކުގެ ތެރޭގައި ހިމެނޭ ފިރިހެންކުދިން ކުރާ ކުށްތަކުގެ ބާވަތްތަކަށް ބަލާއިރު، 2019 ވަނަ އަހަރު އެންމެ ގިނައިން ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި، ވައްކަންކުރުމާއި، މާރާމާރީގެ މައްސަލަތަކެވެ. އަދި އަންހެން ކުދިންގެ ފަރާތުން އެންމެ ގިނައިން ހުށަހެޅިފައިވަނީ މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލަތަކެވެ.