ލ. އިސްދޫ ގެއަކުން ވަގަށްނެގި 3 ލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

ފުލުހުން ބުނީ އިސްދޫ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވަނީ އިއްޔެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން، އެ ފައިސާތައް ހޯދުމަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެ ފައިސާތައް ހޯދައިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ އޮޕްރޭޝަނަކީ އިސްދޫ ޕޮލިސް ސްޓޭޝަނާއި، ލ. ގަން ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް އެ ފައިސާތައް ހޯދާފައިވަނީ ރަށުތެރޭގައި ވަޅުލާފައިހުއްޓާ ކަަމަށެވެ. އެ ސަރަހައްދު ބަލައި ފާސްކޮށް 352500 ރުފިޔާ ހޯދާފައިވެއެވެ.

އެ މައްސަލައާ ގުޅިގެން 29 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައެވެ.

އެ މައްސަލަދަނީ ތަހުގީގު ކުރަމުން ދާއިރު، ކޮވިޑްގެ މި ދުވަސްވަރު ވައްކަމާ ފޭރުން ފަދަ މައްސަލަތަށް މަދުކަން ފާހަގަ ވެއެވެ.