ރާއްޖެ-އިންޑިއާގެ ނުތަނަވަސްކަން ކުޑަކުރަން ސަރުކާރުން ފަށާފައިވާ ކެމްޕޭނުގައި އެންމެ ފަހުން ދިވެހި އަސްކަރިއްޔާ ވެސް ބައިވެރިކޮށްފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރުގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެއްޖެއެވެ.
އޭނާ ވިދާޅުވީ ރާއްޖެ-އިންޑިއާގެ ނުތަނަވަސްކަން ކުޑަކުރަން ސަރުކާރުން ފަށާފައިވާ ކެމްޕޭނުގައި އެންމެ ފަހުން ދިވެހި އަސްކަރިއްޔާ ވެސް ބައިވެރިކޮށްފައިވީ ނަމަވެސް، ދިވެހި ސިފައިންގެ ޔުނިފޯމާ އެކަން ނުގުޅޭ ކަމަށެވެ. އަދި ދިވެހި އަސްކަރިއްޔާއަކީ، ދިވެހިންގެ ސިޔާދަތުގެ އައްޑަނަ ކަމަށާއި ދިވެހިންގެ ފަހުރު ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ މިހެން ވިދާޅުވީ، ހަތިޔާރު އެޅި އެހެން ގައުމެއްގެ ފައުޖެއް ނުވަތަ ބަޔަކު ރާއްޖޭގައި ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރު ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވުމާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި އެއްވެސް ގައުމެއްގެ މިލިޓަރީ ޕްރެސެންސެއް ނުވަތަ އަސްކަރީ ޕްރެސެންސެއް ނެތް ކަމަށެވެ. އަދި ހާއްސަކޮށް ހަނގުރާމަވެރި ހަތިޔާރު އަޅައިގެން ތިބޭ ސިފައިންގެ ފައުޖެއް ރާއްޖޭގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ހިއުމެނިޓޭރިއަން ރޯލެއްގައި އިންސާނީ ހިދުމަތްތަކެއް ދިނުމަށް، ޓެކްނީޝަނުންގެ އެހީތެރިކަން އަބަދުވެސް ހޯދަމުންދާ ކަމަށް ޝަމާލް ވިދާޅުވިއެވެ.
އޭނާ މިހެން ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ގިނަ ފަރާތްތަކުން ސޯޝަލް މީޑިއާގައި ޝުއޫރު ފަޅުކުރަމުން ދާ ދަނޑިވަޅެއްގައެވެ. އެގޮތުން ގިނަ އަދަދެއްގެ މީހުން ދަނީ ރާއްޖޭއިން އިންޑިއާ ސިފައިން ބޭލުމަށާއި، އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ވިދާޅުވަމުންނެވެ.
އިންޑިއާއިން ރާއްޖެއަށް އަތް ގަދަ ކުރާ ކަމަށް ބުނެ މިފަހަކަށް އައިސް އިދިކޮޅު ފަރާތްތަކުންވެސް ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އިދިކޮޅު ކޯލިޝަނުން ވަނީ "ރާއްޖެ ވިއްކާލުމާ ދެކޮޅަށް" މާލޭގައި ސައިކަލް ބުރެއް ބާއްވާ، ރާއްޖޭގެ އެކި ސަރަހައްދުގައި އިހުތިޖާޖު ކޮށްފައެވެ.
ގައުމީ ސަލާމަތަށް ނުރައްކާ ވާ ހިސާބަށް ބައެއް ކަންކަން ގޮސްފައިވާ ކަމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުން ބުނެފައި ވާއިރު، އިންޑިއާއިން ރާއްޖެއަށް ޑޯނިއާ މަތިންދާ ބޯޓެއް ހަދިޔާ ކުރާ ވާހަކަ އަކީ އަޑުގަދަކޮށް ދެކެވިގެން ދިޔަ ވާހަކައެކެވެ.