ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން، ދިގު މުއްދަތަކަށް ސިއްހީ އެކި ކަހަލަ ތަކުލީފުތައް އުފުލަންޖެހޭ ވާހަކައަކީ، މިއަދު އާ ވާހަކައެއް ނޫނެވެ. ނަމަވެސް، މި ތަކުލީފުތަކަކީ ފަރުވާ ކުރެވޭ ތަކުލީފުތަކެއް ކަމާއި، މިއީ ޕަލްމޮނަރީ ރީހެބިލިޓޭޝަންގެ އެހީގައި ކުރު މުއްދަތެއްގައި ފަރުވާ ކުރެވޭ ތަކުލީފުތަކެއް ކަމަށް ދާދި ފަހުން ކުރި ދިރާސާތަކަކުން ވަނީ ހާމަވެފައެވެ.

ޔޫރަޕިއަން ރެސްޕިރޭޓަރީ ސޮސައިޓީ އިންޓަނޭޝަނަލް ކޮންގްރެސްގައި ޝާއިއު ކުރުމަށް ތައްޔާރު ކުރި 2 ދިރާސާ ރިޕޯޓެއް ބުނާ ގޮތުގައި، ކޮވިޑް-19ގެ ސަބަބުން ފުއްޕާމެއަށް ދިގު މުއްދަތުގެ ގެއްލުންތަކެއް ވުމުގެ ފުރުސަތު އޮންނަކަން ހާމަވެއެވެ. އަދި މި ބަލީގެ ސަބަބުން، ނަފްސާނީ ޒަހަމްތަކެއް ލިބޭކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ކޮވިޑް ބަލި މީހަކު ގެންދަނީ / ފޮޓޯ: އެޗްއީއޯސީ

އޮސްޓްރިއާގެ ޔުނިވާސިޓީ ކްލިނިކް އިން އިންސްބްރަކްގައި ކްލިނިކަލް ޕީއެޗްޑީ ހާސިލުކުރައްވަމުން ގެންދަވާ ޑރ ސަބީނާ ސަހާނީޗް އަކީ މިދަނުން އެއް ރިޕޯޓް އެކުލަވާލެއްވުމުގައި ހަރަކާތްތެރިވެވަޑައިގެންނެވި ތަޖުރިބާކާރެކެވެ. ޑރ ސަބީނާ ވިދާޅުވާ ގޮތުގައި ހެޔޮ ޚަބަރާ، ނޭދެވޭ ޚަބަރެއް އެބައޮތެވެ. ނޭދެވޭ ޚަބަރަކީ، ކޮވިޑް-19ގެ ޕޭޝަންޓުން ހޮސްޕިޓަލުން ދޫކޮށްލާތާ ހަފުތާތަކެއް ފަހުން، ފުއްޕާމެއަށް ގެއްލުންތަކެއް ވާ ކަން ފާހަގަކުރެވޭ ކަމަށެވެ. ނަމަވެސް، ހެޔޮ ޚަބަރަކީ، މި ލިބުނު ގެއްލުންތައް ފޫބެދެމުންދާ ކަމުގެ އެދެވޭ އިޝާރާތް ކަމަށްވެސް ޑރ ސަބީނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއީ ފުއްޕާމޭ، އޭގެ އަމިއްލަ ޒާތުގައި މަރާމާތު ވަމުންދާކަމުގެ ހެޔޮ ޚަބަރު ކަމަށްވެސް ޑރ ސަބީނާ ވިދާޅުވިއެވެ.

ޑރ ސަބީނާގެ ދިރާސާގައި ބައިވެރިވީ ކޮވިޑް-19ގެ ސީރިއަސް އަލާމާތްތަކަކާއެކު އައި 86 ޕޭޝަންޓެކެވެ. މައުލޫމާތު އެއްކޮށްފައިވަނީ އޭޕްރިލް މަހާއި ޖޫން މަހާ ދެމެދު ފާއިތުވީމުއްދަތުގައެވެ.

ޑރ ސަބީނާ ވިދާޅުވީ ދިރާސާގެ ބައިވެރިވިންގެ ތެރެއިން ގާތްގަނޑަކަށް 50 ޕަސެންޓް ޕޭޝަންޓުންނަކީ، ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލިތާ 6 ހަފުތާ ފަހުން، ނޭވާ ކުރުވުމުގެ ތަކިލީފުތައް އުފުލިއެވެ. ނަމަވެސް ހޮސްޕިޓަލުގައި 2 ވަނަ ފަހަރަށް ފަރުވާ ދޭ ހިސާބަށް އައިއިރު، މީގެ ތެރެއިން ދެބައިކުޅަ އެއްބައި ޕޭޝަންޓުންނަށް ލުއި ލިބެން ފަށާފައިވާކަންވެސް ހާމަވެއެވެ.

އިންޑިއާގެ ހޮސްޕިޓަލުގެ ބޭރުގައި އޮކްސިޖަން ސިލިންޑަރު ހޯދުމަށް ބަލި މީހުންގެ އާއިލާތަކުން ސަފު ހަދާފަ/ފޮޓޯ: މުޚްތާރު ހާން

ޔޫރަޕިއަން ރެސްޕިރޭޓަރީ ސޮސައިޓީ އިންޓަނޭޝަނަލް ކޮންގްރެސްގައި މިދިޔަ ހަފުތާ ބަންދުގައި އާންމުކުރި އިތުރު ދިރާސާއަކަށް ބަލާއިރު، ބަލިން ރަނގަޅުވުމުގެ ކުރީކޮޅުގައި ޕަލްމޮނަރީ ރީހެބިލިޓޭޝަން މަޝްރޫއުގައި ބައިވެރިވި ޕޭޝަންޓުންގެ ދިގުމުއްދަތުގެ ތަކުލީފުތަކަށް އެދެވޭ ލުޔެއް ލިބުނުކަން ފާޙަގަކުރަން ޖެހެއެވެ.

މިއިން އެއްވެސް ދިރާސާއަކީ މެޑިކަލް ޖާނަލްއެއްގައި ޕިއާ ރިވިއުކޮށް ޝާއިއުކޮށްފައިވާ ދިރާސާތަކެއް ނޫނެވެ. މި މައުލޫމާތު ކަށަވަރު ކުރުމަށް، މިހާރަށްވުރެ ބޮޑު ގުރޫޕުތަކެއްގައި މި ކަން ތަހުލީލުކޮށް ވަޒަން ކުރަންޖެހެއެވެ.