ހުޅުމާލެ ހޮސްޕިޓަލުގެ ނަރުހުންނާއި އަޓެންޑެންޓުންގެ ޝުއޫރު ފާޅު ކުރުމުގެ ގޮތުން އިހްތިޖާޖެއް ކޮށްފިއެވެ.

މިއަދު ހަވީރު އެ ހޮސްޕިޓަލުގެ ގޯތިތެރޭގައި ނަރުހުންނާއި އެޓެންޑެންޓުން ހިމެނޭ ގޮތަށް 20 އަކަށް މީހުން އިހްތިޖާޖުގައި ބައިވެރިވެފައިވާ ކަމަށް 'ދަ ޕްރެސް' އަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި އިހްތިޖާޖުގައި ނައުރުހުންނާއި އެޓެންޑެންޓުން ވަނީ އެމީހުންގެ ޝުއޫރުތައް ހިއްސާ ކުރުމަށް ބޯޑުތަކުގައި ލިޔެގެން އެ ޝުއޫރުތައް ހިއްސާ ކޮށްފައެވެ. އެގޮތުން ބައެއް މީހުންނަށް ރިސްކް އެލަވަންސް ނުލިބޭ ކަމަށާއި ބައެއް ފަރާތްތަކަށް ރިސްކް އެލަވަންސް ލިބޭ އިރު އެކި މީހުންނަށް އެކި އަދަދަށް ރިސްކް އެލަވަންސް ދީފައިވާ މައްސަަލަ އެ ފަރާތްތަކުން ފާހަގަ ކޮށްފައި ވެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން މުޒާހަރާގެ ބައިވެރިއެއް ބުނީ، މައްސަލައަކީ އެލަވަންސް ދިނުމުގައި އަމަލު ކުރާ އުސޫލު އެފަރާތަށް ސާފުނުވާތީ ކަމަށެވެ. އެކި މީހުންނަށް އެކި އަދަދަށް ރިސްކް އެލަވަންސް ދޭއިރު ރިސްކް ގައި މަސައްކަތް ކުރާ ބައެއް މީހުންނަށް އެލަވަންސް ނުލިބޭ ކަން އޭނާ ފާހަގަކުރިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ ނަރުހުންނާއި އެޓެންޑެންޓުން އިހުތިޖާޖު ކުރަނީ

ރިސްކް އެލަވަންސްގެ ވާހަކަ ދައްކާ އިރު ކޮވިޑާ ގުޅިގެން ދޭން ނިންމާފައިވާ އެލަވަންސް ނުލިބޭތީ އެކަމުގެ ޝަކުވާތައްވެސް އަންނަނީ ގިނަ ބަޔަކު ކުރަމުންނެވެ. ގޭގައި ތިބެ ވަޒީފާއަށް ނުނިކުންނަ ފަރާތްތަކަށް ވެސް އެލަވަންސް ދޭ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނެ ޝަކުވާ ކުރަމުންނެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެމުން ދާ މިދަނޑިވަޅުގައި އިގްތިސޯދަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސް ގިނަ ބަޔަކު ވަނީ ވަޒީފާ ގެއްލި ނުވަތަ މުސާރަ ކުޑަ ވެ އާމްދަނީއަށް ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. މިފަދަ ދަނޑިވަޅެއްގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި އަދި ކޮވިޑް އާ ގުޅިގެން ފްރަންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ އެލަވަންސެއް ދިނުމަށް ވަނީ ނިންމާފައެވެ.

އެގޮތުން ފްރޮންޓްްލައިން އެލަވަންސުގެ ގޮތުގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ 220 މީހަކަށް 2.9 މިލިއަން ރުފިޔާ ދީފައި ވާއިރު، ފްރޮންޓްލައިން އެލަވަންސް ލަސްވާތީ ގިނަ ފަރާތްތަކަކުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.