މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭ ދާއިރާތައް ހިމަނައި 2021 ވަނަ އަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖު ތަންފީޒު ކުރަން ޖެހޭގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި މި އިސްލާހު އިޖުތިމާއީ ކޮޮމިޓީއާއި އިގްތިސާދީ ކޮމިޓީ ގުޅިގެން ދިރާސާ ކުރި ރިޕޯޓަށް ވަނީ ވޯޓަށް އަހާފައެވެ. އެގޮތުން މި އިސްލާހު ފާސްވީ 55 މެންބަރުންގެ ވޯޓާއެކުއެވެ.

ފާސްކުރި އިސްލާހުގައި މިނިމަމް ވޭޖް ކަނޑައަޅަން ހިމަނާފައި ވަނީ އިންފޮމޭޝަން އަދި ޓެކްނޮލޮޖީގެ ސިނާއަތް، ސިއްހީ ދާއިރާ، ތައުލީމީ ސިނާއަތް، ދަތުރުފަތުރުގެ ސިނާއަތް، މަސްވެރިކަމާއި ދަނޑުވެރި ކަމުގެ ސިނާއަތް، މެރިޓައިމްގެ ސިނާއަތް، ފަތުރުވެރިކަމުގެ ސިނާއަތުގެ އިތުރުން ކޮންސްޓްރަކްޝަން މަސައްކަތުގެ ސިނާއަތާއި މެދުފަންތީގެ ސިނާއަތެވެ.

މިނިމަމް ވޭޖް ކަނޑައަޅަން ލަފާދޭނީ ވޭޖް ބޯޑުން ކަމަށް ވާއިރު، އެ ލަފާދޭތާ 30 ދުވަހުގެ ތެރޭގައި އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައަޅާ މިނިސްޓަރު އަމުރެއް ނެރެން ވާނެ ކަމަށް އިސްލާހުގައި ވެއެވެ.

މިނިމަމް ވޭޖް ކަނޑައަޅަން އަމުރު ނެރެން ޖެހެނީ ވޭޖް ބޯޑުގެ ލަފާގެ މަތިން މިނިސްޓަރެވެ. މިނިމަމް ވޭޖް ކަނޑައެޅުމަށްފަހު މިނިސްޓަރު ނެރޭ އަމުރަކީ ފުރިހަމަ ގާނޫނީ ބާރު ލިބިގެންވާ އެ އަމުރު ރައްދުވާ އެންމެހާ ފަރާތްތަކުން އެ އަމުރަކަށް އަމަލުކުރުން ލާޒިމް އެއްޗެއް ކަމަށް މިއަދު ފާސްކުރި އިސްލާހުގައި ވެއެވެ.

އިސްލާހަ އެއްގޮތަށް، ނެރޭ ފުރަތަމަ އަމުރަށް 2021 ވަނަ އަހަރު ނިމުމުގެ ކުރިން ވަޒީފާ ދޭ ފަރާތްތަކުން އަމަލުކުރަން ވާނެއެވެ. މިނިމަމް ވޭޖް ކަނޑައެޅުމުގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާގެ ޒަރޫރީ ބޭނުންތަކަށް ހިނގާނެ ހަރަދުތަކާއި އިގްތިސާދީ ކަންކަމަށާއި ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިއާޔަތް ކުރަން ލާޒިމުވާނެއެވެ.