ތައުލީމުގެ ބިލު ގައުމީ ތަރިކައާ ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ފާސްކުރުމަށް މަޖިލިސް ތަޅުމަށް ހުށަހެޅުމުން، އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލައިފިއެވެ.

އިތުރަށް ދިރާސާ ކުރުމަށް ތައުލީމުގެ ބިލު ކޮމިޓީއަށް ފޮނުވާފައި ވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 59 މެންބަރުންގެ ވޯޓާއެކުއެވެ.

މި ބިލު ދިރާސާކުރިއިރު، ޓީޗާސް އެއޯސިއޭޝަނަށް ކޮމެޓީ މަރުހަލާގައި މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ. އެހެންކަމުން އެ ޝަކުވާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ހުށަހަޅާފައެވެ.

ތައުލީމުގެ ބިލަކީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި ވާ އުނގެނުމުގެ ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ގާއިމު ކުރަން ޖެހޭ ގާނޫނީ އޮނިގަނޑު ގާއިމުކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ.

އެ ބިލުގައި ރާއްޖޭގެ ތައުލީމީ ނިޒާމު އެ މައްޗަށް ބިނާވެގެންވާ އަސާސްތަކާއި، އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށް ލިބިދޭ ހައްގުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާތައް ކަނޑައަޅައި، ރާއްޖޭގައި ތައުލީމު ދިނުމާގުޅޭ އެނޫންވެސް އާންމު ހަމަތަކާއި އުސޫލުތައް ބަޔާންކުރެއެވެ.

ތައުލީމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ތައުލީމުގެ ބިލަށް ހިޔާލު ހޯދަން މަޖިލީހުން ބޭއްވި ފޯރަމްގައި އެ ދާއިރާގައި މަސައްކަތް ކުރެއްވި އަދި މިހާރުވެސް ކުރައްވާ އިސް ބައެއް ބޭފުޅުންގެ ގިނަ ހިޔާލުތަކެއް ވަނީ ހުށަހަޅުއްވާފައެވެ.

އޭގެ ތެރޭގައި ރައީސް ސޯލިހްގެ އަނބިކަނބަލުންނާއި މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން ތައުލީމީ ދާއިރާގައި ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ފަރާތްތަކާއި އާންމުން ވެސް ހިމެނެއެވެ.