މެޑިކަލް ސެޓްފިކެޓް ހުށަނާޅާ، އަހަރަކު 15 ދުވަހު ސަލާމް ބުނެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ފަސްކޮށްފިއެވެ.
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތައް ފާސްކޮށްފައި ވަނީ 55 މެންބަރުންގެ ވޯޓާއެކުއެވެ.
އަހަރަކު 15 ދުވަހު ސަލާމް ބުނެވޭގޮތަށް އިސްލާހު ހުށަހަޅާފައި ވަނީ ކޮންމެ ސަލާމަކަށް މުވައްޒަފުން އެމްސީ ހުށަހަޅާން ޖެހޭ ގޮތަށް ހުށަހެޅި އިސްލާހު ބަދަލު ކުރުމަށެވެ. ކުރިން އޮންނަ ގޮތުން އެމްސީއެއް ހުށަހެޅުމުން ނޫނީ މުވައްޒަފަކަށް ވިދިވިދިގެން ދެ ދުވަހަށް ވުރެ ދިގު މުއްދަތަކަށް ސަލާމް ނުނެގޭނެއެވެ. ނަމަވެސް، ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭ ގޮތަށް އަހަރަކު ގިނަވެގެން 30 ދުވަސް ބޭނުން ކުރެވިދާނެއެވެ.
މިހާރު ގެނައި އިސްލާހުން ސަލާމުގެ ޗުއްޓީގެ ގޮތުގައި ބަޔާންކުރާ 30 ދުވަހުގެ ތެރެއިން 15 ދުވަސް، ވިދިވިދިގެން ދެ ދުވަހަށް ވުރެ ދިގު ނުވާނެ ގޮތުގެ މަތިން މެޑިކަލް ސެޓްފިކެޓާ ނުލައި، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބޭނުން ކުރެވޭނެއެވެ.
އަދި ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރާ ގޮތަށް މުވައްޒަފަކު އެދެފި ނަމަ އޭނާއަށް ލިބޭ އަހަރީ ޗުއްޓީ ފެށުމުގެ ކުރިން، މަސައްކަތަށް ނުކުންނަ އެންމެ ފަހު ދުވަހަށް ވުރެ ލަސް ނުވާނެ ގޮތުގެ މަތިން އެ ނަގާ ޗުއްޓީގެ ދުވަސްތަކަށް މުސާރައިން ޖެހޭ ފައިސާގެ އަދަދު ދޭން ޖެހޭނެއެވެ. ނަމަވެސް ދައުލަތުން މުސާރަ ދޭ މުވައްޒަފަކު ޗުއްޓީގައި ހުރި ނަމަ، މުސާރަދޭނީ އާންމު ގޮތެއްގައި މުސާރަ ދޭ އުސޫލުންނެވެ.