ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފިއެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުތައް ފާސްކޮށްފައި ވަނީ 59 މެންބަރުންގެ ވޯޓާއެކުއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅި އިސްލާހު ގެނައުމުގެ ބިލަށް ހުށަހެޅި އިސްލާހުގައި ބުނަނީ ޖިނާއީ ކުށަކާ ގުޅިގެން މަރުވެފައިވާ މީހަކު މަރުވި ސަބަބު ދެނެގަތުމަށްޓަކައި އަދި ގޮތްނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށްޓަކައި މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމްއެއް ހެދުމުގެ އިހްތިޔާރު ފުލުހުން ނަށް ލިބިގެން ވެއެވެ.

މި އިސްލާހުގައި ބުނާގޮތުން ޕޯސްޓްމޯޓަމްއެއް ހަދަން ވާނީ މެޑިކަލް ޑޮކްޓަރެއްގެ ބެލުމުގެ ދަށުން ފޮރެންސިކް ޕެތޮލޮޖިސްޓެއްގެ އެހީތެރިކަމާ އެކުއެވެ. އަދި މިފަދައިން ހަދާ ޕޯސްޓްމޯޓަމް ރިޕޯޓް އެ މައްސަލައިގެ ހެއްކެއްގެ ގޮތުގައި ކޯޓުން ގަބޫލު ކުރަންވާނެ ކަމަށް އިސްލާހުގައި ވެއެވެ.

ގޮތްނޭނގޭ ގޮތަށް މީހުން މަރުވާ މައްސަލަތައް ދޭތެރެ ދޭތެރެއިން ރާއްޖޭގައި ވެސް ފެންމަތިވެއެވެ. ނަމަވެސް ކުރިން އެފަދަ މީހުންގެ ޕޯސްޓްމޯޓަމް އެއް ހެދުމުގެ ބާރު ލިބިފައި ނުވާތީ އެ މަރުތަކުގެ ހަގީގަތް ދެނެއެއް ނުގަނެވެއެވެ.