ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމަށް ޑރ. އަބްދުﷲ މައުސޫމް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފިއެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓަރު މައުސޫމަށް ރުހުން ދިނުމަށް ފާސްކޮށްފައި ވަނީ 69 މެންބަރުންގެ ވޯޓާއެކުއެވެ.

މިިނިސްޓަރު މައުސޫމް ފުރަތަމަ ފަހަރަށް އެ މަގާމުގެ ހުވާކުރެއްވި އިރު އޭނާ ހުންނެވީ ވިޔަފާރި ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރެއްގެ މަގާމުން ވަކި ނުވެއެވެ. އެހެންކަމުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމީ، މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ ތަޅުމުން ކޮމިޓީއަށް އަނބުރާ ފޮނުވާލާށެވެ.

އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވުމުން، ކޮމިޓީން ނިންމާފައި ވަނީ މައުސޫމް އަލުން މަގާމުގެ ހުވާ ކުރެއްވުމަށް ރައީސަށް ލަފާ އެރުވުމަށެވެ.

މައުސޫމު ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ވަނީ އޭނާ އަލުން މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރައްވާފައެވެ. އަދި އޭނާ ވަނީ އަލުން މަގާމުގެ ހުވާ ކުރައްވައިފައެވެ.

ހއ. ކެލާއަށް އުފަން މައުސޫމަކީ، އިނގިރޭސިވިލާތުގެ ސްކޫލް އޮފް ޕަބްލިކް ޕޮލިސީ، ޔުނިވާސިޓީ އޮގް ބާމިންހަމުން ސަސްޓެއިނަބަލް ޓޫރިޒަމް ޑިވެލޮޕްމަންޓުގެ ދާއިރާއިން ޑޮކްޓަރޭޓް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ ވަނީ މީގެ ކުރިން ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އަދި ސްޓްރީމްލައިނާސް ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯއަކީ ވެސް އޭނާއެވެ. އަދި އެސްޓީއޯގެ ބޯޑް ޑިރެކްޓަރު ކަމުގެ މަގާމުގެ އިތުރުން މޯލްޑިވްސް ކޮލެޖް ކައުންސިލުގެ މެންބަރު ކަމާއި އެމްޓީސީސީގެ ބޯޑު ޑިރެކްޓަރު ކަން ވެސް އޭނާ ކުރެއްވިއެވެ.

މީގެ އިތުރުން ޑރ. މައުސޫމް ވަނީ، ކެބިނެޓުގެ އެކި މަގާމުތައް ފުރުއްވާފައެވެ. ޓޫރިޒަމް މިނިސްޓަރު ކަމާއި، އެންވާރަމަންޓް މިނިސްޓަރު ކަމުގެ މަގާމުވެސް މެއެވެ. ޑރ. މައުސޫމް ވަނީ ޓޫރިޒަމް ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން، ޓޫރިޒަމް ޕްރޮމޯޝަން އެޑްވައިޒަރީ ކައުންސިލުގެ މެންބަރު ކަމާއި، ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އިސްވެރިޔާގެ މަގާމުގެ ވެސް ފުރުއްވާފައެވެ.