ހަތިޔާރު އެޅި އެހެން ގައުމެއްގެ ފައުޖެއް ނުވަތަ ބަޔަކު ރާއްޖޭގައި ނެތް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މިހާރު އެމްއެންޑީއެފްގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރު ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ އެއްވެސް ގައުމެއްގެ އަސްކަރިއްޔާގެ ބަޔަކު ރާއްޖޭގައި ނެތް ކަމަށެވެ. ޝަމާލް އެހެން ވިދާޅުވީ، ރާއްޖޭގައި އިންޑިއާގެ ސިފައިން ހަރަކާތްތެރިވާ ކަމަށް ބުނެ އެކިއެކި ފަރާތްތަކުން ފާޅު ކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެން، އެކަން ސާފުކޮށް ދެއްވަމުންނެވެ.

"ރާއްޖޭގައި މިލިޓަރީ ޕްރެސެންސެއް ނުވަތަ އަސްކަރީ ޕްރެސެންސެއް އެއްވެސް ގައުމެއްގެ ނެތްކަން ފާހަގަކޮށްލަން. ތަފްސީލަށް ދަންޏާ، ހަނގުރާމަވެރި ހަތިޔާރު އަޅައިގެން ތިބޭ ސިފައިންގެ ފައުޖެއް ރާއްޖެ އަކު ނެތް،"
ޝަމާލް

ޝަމާލް ވިދާޅުވީ ރާއްޖޭގައި އެއްވެސް ގައުމެއްގެ މިލިޓަރީ ޕްރެސެންސެއް ނުވަތަ އަސްކަރީ ޕްރެސެންސެއް (ތަނެއްގައި ގާއިމުވެ ތިބުން) ނެތް ކަމަށެވެ. އަދި ހާއްސަކޮށް ހަނގުރާމަވެރި ހަތިޔާރު އަޅައިގެން ތިބޭ ސިފައިންގެ ފައުޖެއް ރާއްޖޭގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ހިއުމެނިޓޭރިއަން (އިންސާނީ ހިދުމަތް ދިނުން) ރޯލެއްގައި އިންސާނީ ހިދުމަތްތަކެއް ދިނުމަށާއި، އަދި އެކިއެކި ފެންވަރުގައި ޓެކްނީޝަނުންގެ ގޮތުގައި ބޭރުގެ އެކިއެކި އަސްކަރިއްޔާގެ އެހީތެރިކަން އަބަދުވެސް ހޯއްދަވްމުން ގެންދަވާ ކަމަށް ޝަމާލް ވިދާޅުވިއެވެ.

އޭނާ އެހެން ވިދާޅުވި އިރު، ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ގިނަ ފަރާތްތަކުން ސޯޝަލް މީޑިއާގައި ދަނީ ޝުއޫރު ފަޅުކުރަމުންނެވެ. އެގޮތުން ގިނަ އަދަދެއްގެ މީހުން ދަނީ ރާއްޖޭއިން އިންޑިއާ ސިފައިން ބޭލުމަށާއި، އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނަމުންނެވެ. އަދި މިހާރުވެސް ރާއްޖޭގައި 2 ހެލިކޮޕްޓަރެއް ބެލެހެއްޓުމުގެ ނަމުގައި އިންޑިއާ ސިފައިންގެ 26 މީހަކު ތިބި ކަމަށާއި އެމީހުން ރާއްޖެއަށް ހެލިކޮޕްޓަރު ދިނީ، ހެލިކޮޕްޓަރު ދުއްވަން ދިވެހިން ތަމްރީނު ކުރުމަށް ފަހު ދިވެހިންނާ އެތަކެތި ހަކާލު ކުރަން ކަމަށާއި ނަމަވެސް އެކަން ނުކުރާ ކަމަށްވެސް ގިނަ ބަޔަކު ދަނީ ވާހަކަ ދައްކަމުންނެވެ.

އިންޑިއާއިން ރާއްޖެއަށް އަތް ގަދަ ކުރާ ކަމަށް ބުނެ މިފަހަކަށް އައިސް އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އިދިކޮޅު ކޯލިޝަނުން ވަނީ "ރާއްޖެ ވިއްކާލުމާ ދެކޮޅަށް" ނަމުގައި މާލޭގައި ސައިކަލް ބުރެއް ބާއްވާ، ރާއްޖޭގެ އެކި ރަށްރަށުގައި އިހުތިޖާޖު ވެސް ކޮށްފައެވެ.

ރާއްޖޭގެ ބައެއް ކަންކަމާ ގުޅުވާ، ގައުމީ ސަލާމަތަށް ނުރައްކާ ވާ ހިސާބަށް ބައެއް ކަންކަން ގޮސްފައިވާ ކަމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުން ވެސް ބުނެފައި ވެއެވެ. އެގޮތުން ރާއްޖެގައި ތިބި ބިދޭސީންގެ އަދަދާއި، ބިދޭސީންނާ ގުޅިގެން ހުރި ބައެއް ކަންކަން މޭޖާ ޝަމާލް ވަނީ މީގެ ކުރިން ފާހަގަ ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ ބިދޭސީންގެ ސަބަބުން ރާއްޖެއިން މިހާރު ފެންނަނީ ބޭރުގެ އިސްއިތުމާރީ ބާރަކުން އަރާ މި ގައުމު ހިފުމުން ފެންނާނެ ކަހަލަ މަންޒަރުތަކެއް ކަމަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި މި މައްސަލަ ގައުމީ ސަލާމަތަށް އޮތް ނުރައްކަލަށް ވަނީ ކީއްވެގެންތޯ ބެލުމަކީވެސް މުހިންމު ކަމަށް ޝަމާލް ވިދާޅުވިއެވެ.