ރައްޔިތުންގެ މަޖިލީހުގެ މަތިވެރިދާއިރާގެ ކުރީގެ މެންބަރު އަދި ޖުމްހޫރީ ޕާޓީ ކައުންސިލުގެ މެންބަރު ހުސެއިން މުހައްމަދު އަވަހާރަވުމާ ގުޅިގެން މަޖިލީހުގައި ސުކޫތެއް ބާއްވައިިފިއެވެ.

މި ސުކޫތު ބާއްވާފައި ވަނީ މިއަދު ކުރިއަށްދާ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާ ގައެވެ. އެގޮތުން ޖަލްސާ ފެށުމުގެ ކުރިން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އިވާ އަބްދުﷲ ވަނީ ހުރިހާ މެންބަރުން ކޮޅަށް ތެދުވެ ވަޑައިގެން ސުކޫތުގައި ބައިވެރިވެލެއްވުމަށް އެދިލައްވާފައެވެ.

މެންބަރު ހުސެއިން ނިޔާވީ މިދިޔަ ހުކުރު ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ އަވަހާރަވީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެއްވަމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

މެންބަރު ހުސެއިން ވަނީ، މީޑިއާއަށް ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވާފައެވެ. މީޑިއާއަށް ގިނަ ހިދުމަތްތަކެއް ކުރެއްވުމުގެ އިތުރުން، ދުނިޔޭގެ ސިޔާސީ މަސްރަހު ދިރާސާކުރެއްވުމުގެ މުފައްކިރެއްގެ ގޮތުގައި 30 އަހަރުގެ އިލްމީ ތަޖުރިބާއަށްފަހު، ހުސެއިން ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސްސަފުގައި ހަރަކާތްތެރިވެ ވަޑައިގަންނަވަން ފެއްޓެވީ 2005ގައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން 2005-2009 އަށް ކުރެއްވިއިރު، ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރުކަން 2009-2019 އަހަރަށް ކުރެއްވިއެވެ.