ދ. ކުޑަހުވަދޫން ދާދި ފަހުން ކޮވިޑަށް ޕޮޒިޓިވްވި ކުޑަކުއްޖާ ލ.ގަމުގައި ގާއިމްކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދިނުމަށް އެޑްމިޓް ކޮށްފިއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ ހޯމް ކަރަންޓީންގައި ހުރުމަށްފަހު ސާމްޕަލް ނެގިއިރު ދ. ކުޑަހުވަދޫ އިން ޕޮޒިޓިވްވެފައިވާ ކުޑަކުއްޖެއް، އިތުރު ފަރުވާ ދިނުމަށް ލ. ގަމު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގެ އައިސީޔޫ ގައި މިއަދު އެޑްމިޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ކުއްޖާއާ ބެހޭ އިތުރު ތަފްސީލެއް އެފަރާތުން ހާމަކޮށްފައެއް ނުވެއެވެ.

މި މަހުގެ އެެއްވަނަ ދުވަހު ކުޑަހުވަދޫން 1 މަހުގެ ތުއްތު ފިރިހެން ކުއްޖަކާއި 3 އަހަަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 24 އަހަރުގެ އަންހެނަކާއި، 34 އަހަރުގެ ފިރިހެނަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ބެލެވޭ ގޮތުގައި މިއީ އާއިލާއެކެވެ.

ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދާއިރު އިއްޔެ ޕޮޒިޓިވްވި 80 މީހަކާ އެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 8361 އަށް އަރާފައެވެ. އަދި އިއްޔެ ބަލިން ރަނގަޅުވެފައި ވަނީ 159 މީހުން ކަމަށް އެޗްޕީއޭން ބުނެއެވެ.