ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ހިންގާނަމަ ރަޖިސްޓާ ކުރަން ޖެހޭ ކަމަށް ބުނެ، އެކަމާ ބެހޭ ގަވައިދެއް އިކޮނޮމިކް މިނިސްޓްރީން ގެޒެޓުކޮށްފިއެވެ.

އެ ގަވައިދުގައިވާ ގޮތުން، މުދާ ވިއްކާ ފިހާރަ، ބޭކަރީ، ކެންޓީނު، ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް، ކެފެޓީރިއަ ފަދަ ތަންތަން ފިޔަވައި ތަރުކާރީއާއި މޭވާ ހިމެނޭ ގޮތަށް ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހިންގާ ފަރާތްތަކުން ރަޖިސްޓާ ވާން ޖެހޭނެއެވެ.

މޭވާއާއި ތަރުކާރީ ފަދަ ތަކެތި ވިއްކަން ރަޖިސްޓާ ކުރެވޭނީ، ރީޓެއިލް ފިހާރަ، ހޯލްސޭލް ފިހާރަ، ހޯލްސޭލާއި ރީޓެއިލް ފިހާރަ، ފްރެޝް މާރުކޭޓް އަދި އޮންލައިން ޝޮޕްގެ ގޮތުގައި ކޮލިފައި ވެފައިވާ ތަންތަނަށެވެ. ހަމައެއާއެކު މިފަދަ ތަންތަން ސިޓީ ކައުންސިލާއި ރަށު ކައުންސިލުން ނުވަތަ އިކޮނޮމިކް މިނިސްޓްރީީން ކަނޑައަޅާ އެހެން އިދާރާއަކުން ވެސް އިންސްޕެކްޓް ކުރަން ވާނެ ކަމަށް އެ ގަވައިދުގައިވެއެވެ.

މިހާރުވެސް ރަޖިސްޓާ ނުކޮށް މިފަދަ ތަކެތި ވިއްކުމުގެ ވިޔަފާރި ކުރިއަށް އެބަގެންދެއެވެ. މިފަދަ ތަންތަނުން ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ހިންގާނަމަ ރަޖިސްޓާ ކުރުމާ ބެހޭ ގަވައިދަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ރަޖިސްޓާ ވާން ޖެހެއެވެ.

ރަޖިސްޓާ ނުކޮށް ތަރުކާރީއާއި މޭވާ ވިއްކުމުގެ ވިޔަފާރި ހިންގާނަމަ، އެފަދަ ކޮންމެ ފަރާތެއް 10،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ވިޔަފާރި ހިންގާ ތަނުގައި ހުންނަން ޖެހޭ ޝަރުތުތައް ހަމަނުވާ ކަމުގައިވާ ނަމަ، 5000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.

ތަރުކާރީއާއި މޭވާ ވިއްކުމުގެ ވިޔަފާރި ކުރާތަނުގައި ހުންނަން ޖެހޭ ޝަރުތުތައް:

  • ރަޖިސްޓްރީކޮށްގައިވާ ވިޔަފާރީގެ ނަން ބޭރަށް ފެންނާނެހެން އިމާރާތުގައި ހަރުކޮށްފައި ހުރުން
  • ވަކިން ވަދެވޭނެ ދޮރެއް ނުވަތަ މުދާ ދޫކުރެވޭނެ ކައުންސޓަރެއް ބަންދުކުރެވޭ ގޮތަކަށް ހަދާފައި ހުރުން
  • އެއާ ކޮންޑިޝަނިން ނުވަތަ ވައި ދައުރު ކުރެވޭނެ ގޮތަކަށް ވެންޓިލޭޝަން ހަރުކޮށްފައި ހުރުން
  • އެކި ބާވަތުގެ މުދާ ވަކިވަކިން ތަރުތީބު ކުރެވޭނެ ގޮތަށް ޖާގަ ހަދާފައި ހުރުން
  • މުދަލުގެ އަގު އެނގޭނެ ގޮތަށް މުދާ ތަރުތީބުކޮށްފައި ހުރުން
  • މީހުން ވަދެ ވިޔަފަރި ކުރެވޭ ގޮތަށް ހުރިތަނެއް ނަމަ ޓައިލް ޖަހާފައި، ނުވަތަ ތަޅުން އަޅާފައި ހުރުން
  • ކަސްޓަމަރުން މަގުމަތީގައި ތިބެގެން ވިޔަފާރި ކުރެވޭގޮތަށް ފަރުމާކޮށްފައި ނުވުން
  • މެހި ފަދަ ތަކެއްޗަށް ނުވަނދެވޭ ގޮތަށް ފަރުމާކޮށްފައިވުން
  • ބޭރުގައި ނުވަތަ ދުވާރުގައި މުދާ ބަހައްޓާފައި ނުވުން
  • މުވައްޒަފުންގެ އަތް ދޮވެ، ސާފުކުރެވޭ ގޮތަށް ހުރުން
  • އެފްޑީއޭ ނުވަތަ އެޗްޕީއޭ އިން ކަނޑައަޅާ ސާފުާހިރުކަމުގެ މިންގަނޑުތަކަށް ފެތުން.

އެ ގަވައިދުގައިވާ ގޮތުން، ތަރުކާރީއާއި މޭވާފަދަ ތަކެތި ވިއްކާ ތަންތަނުގައި ބިދޭސީންނަށް މަސައްކަތް ކުރެވޭނީ ބިދޭސީން ވަޒީފާ އަދާ ކުރުމާ ބެހޭ ގަވައިދުގައިވާ ގޮތުގެ މަތިން ހުއްދަ ހޯދުމަށް ފަހު ކަމަށެވެ. މިހާރުވެސް، ރަޖިސްޓާ ނުކޮށް، ގަވައިދާ ހިލާފަށް ގިނަ ބިދޭސީންތަކެއް ދަނީ މިފަދަ ވިޔަފާރިތައް ހިންގަމުންކަން ފާހަގަ ކޮށްލެވެއެވެ.