އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ކ. ދިއްފުށީ ކައުންސިލް އިދާރާގެ އޮޑިޓް ރިޕޯޓަށް ބަލަލާއިރު، އެ އޮޑިޓުން ވަނީ ފައިސާއާ ބެހޭ ޖުމްލަ 5 މައްސަލައެއް ފާހަގަ ކުރެވިފައެވެ.

އޮޑިޓް އޮފީހުން ބުނީ، މައިގަނޑު ގޮތެއްގައި ދިއްފުށީ ކައުންސިލުން 2019 ވަނަ އަހަރު ހަރަދުތައް ބަލަހައްޓާފައި ވަނީ ރަނގަޅަށް ކަމަށެވެ. ނަމަވެސް، ފައިނަލް ބަޖެޓްގެ ގޮތުގައި ހިމަނާފައިވާ އަދަދަށާއި، އަހަރު ނިމުނުއިރު ހުރި ފައިސާ އާއި ފައިސާގެ ގޮތުގައި ބެލެވޭ ތަކެތީގެ ގޮތުގައި ހިމަނާފައިވާ އަދަދުތަކަށް ފަރަގުތަކެއް އަންނަ ކަމަށެވެ.

އޮޑިޓް ރިޕޯޓުން ފާހަގަވި ކަންތައްތައް:

  • 1. ފައިނަލް ބަޖެޓުގެ ގޮތުގައި މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދާއި ޕަބްލިކް އެކައުންޓިން ސިސްޓަމުން ދައްކާ އަދަދާ ދެމެދު ފަރަގު ހުރި ކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ. އެގޮތުން، ފައިނަލް ބަޖެޓާއި މާލީ ބަޔާނުގައި 100،979 ރުފިޔާގެ ފަރަގު ހުރުމުގެ ސަބަބުން ދިއްފުށީ ކައުންސިލުން ފައިނަލް ބަޖެޓުގެ ގޮތުގައި ހިމަނާފައިވާ އަދަދު ސައްހަ ނޫން ކަމަށް ވަނީ ބަލާފައެވެ.
  • 2. މާލީ ބަޔާނުގައި އަހަރު ފެށުނުއިރު ހުރި ފައިސާގެ ގޮތުގައި ހިމަނާފައިވާ އަދަދުތައް ކަށަވަރުކުރެވެން ނެތް ކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ. އެ ރިޕޯޓުން ދައްކާ ގޮތުގައި، 2017 ވަނަ އަހަރު ނިމުނުއިރު، ހުރި ފައިސާގެ އަދަދާއި، 2018 ވަނަ އަހަރު ފެށުނުއިރު ހުރި ފައިސާގެ އަދަދުތައް ދިމާނުވެ، 476،606 ރުފިޔާގެ ފަރަގު އެބަހުއްޓެވެ. ހަމައެއާއެކު، އަހަރު ނިމުނުއިރު ހުރި ފައިސާގެ އަދަދު ފައިސާ ލިބުނުގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާނުގައި ހިމަނާފައިވާ ގޮތާއި، މާލީ ބަޔާނުގައި ހިމަނާފައިވާ ގޮތް ދިމާނުވާތީ އެއީ ސައްހަ އަދަދެއް ނޫން ކަމަށް ވަނީ ބަލާފައެވެ.
  • 3. ކަރަންޓާއި ގުޅުންހުރި މައްސަލަތައް ހައްލުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުމުގައިި ހާމަކަން ނެތް ކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ. އެގޮތުން، މަސައްކަތް ހަވާލުކުރި ފަރާތާއި ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފަރާތުން އަމިއްލައަށް ތަކެތި ގަތުމަށްފަހު ބިލުގެ ޖުމްލައަށްވާ 16،118 ރުފިޔާ ކައުންސިލުން ދައްކާފައިވާއިރު، އޭގެ ތެރޭގައި މަސައްކަތާ ހަވާލުވި ފަރާތުން ގަނެފައިވާ ތަކެތީގެ އަގަށްވާ 14،129 ހިމަނާފައިވެއެވެ. މީގެ ތެރެއިން 14،069 ރުފިޔާގެ ތަކެތި ކައުންސިލަށް ލިބުނުކަން ލިޔެކިއުންތަކުން އެނގެން ނެތް އިރު، އެ ތަކެތި ގަނެފައިވަނީ މާލިއްޔަތު ގާނޫނާ ހިލާފަށް 3 ފަރާތަކުން އަގު ހޯދުމަކާނުލާ މަސައްކަތާ ހަވާލުވި ފަރާތުން ބޭނުން ތަނަކުން ކަން ވަނީ ފާހަގަ ކުރެވިފައެވެ.
  • 4. ކައުންސިލަސް ބަލައިގަންނަ އާމްދަނީ ފައިސާ ގަވައިދުން ބޭންކަށް ޖަމާކޮށްފައި ނުވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ. އެގޮތުން ސާމްޕަލް އުސޫލުން ބަލާނަމަ، ޖުމްލަ 259،620 ރުފިޔާ ބޭންކަށް ޖަމާކުރުމުގައި 7 ދުވަހާއި 29 ދުވަހާ ދެމެދުގެ މުއްދަތެއް ހޭދަވެފައިވާ ކަމަށް ދައްކާއިރު، މިގޮތަށް ކައުންސިލް އިދާރާގައި ފައިސާ ބަހައްޓަން ފައިނޭންސް އެގްޒެކެޓިވް ހުއްދަ ދީފައިވާ ކަން ލިޔުމުން އެނގޭކަމށް ނެތެވެ. މި ފައިސާ ލިބިފައި ވަނީ ތެޔޮތާނގީ، ޕްރީސްކޫލު، އުންމީދު ދޯނި ކުއްޔަށް ދީގެންނާއި އައިސް ވިއްކައިގެންނެވެ.
  • 5. މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހަރުމުދަލާ ގުޅޭ ކަންކަން ބަލަހައްޓާފައި ނުވާ ކަމަށް އޮޑިިޓް ރިޕޯޓުން ދައްކައެވެ. އެގޮތުން ހަރުމުދަލުގެ ރަޖިސްޓްރީގައި އޭގެ އަގު ހިމަނާފައި ނުވުމާއި، އެއްފަހަރާ ގަންނަ ހަރުމުދަލުގެ އަގު ވަކިން ހިމެނުމުގެ ބަދަލުގައި އެއްކޮށް ހިމެނުން އަދި ގިނަ ދުވަސްވެ، ބާވެފައިވާ ތަކެތީގެ ރަޖިސްޓްރީ އަޕްޑޭޓް ކޮށްފައި ނުވާކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި ހަރުމުދަލުގެ ކޯޑު ނަންބަރު ލެޕްޓޮޕެއްގައި ޖަހާފައި ނުވާއިރު، ކައުންސިލުގެ ބެލުމުގެ ދަށުގައިވާ އައިސް ޕްލާންޓުގެ އިމާރާތަކީ ކައުންސިލުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއް ނޫން ކަމުން އެއީ ކައުންސިލުގެ ހަރުމުދަލެއްތޯ ޔަގީން ކުރެވޭގޮތް ވަނީ ނުވެފައެވެ.

މީގެ އިތުރުން، އައިސް ވިއްކައިގެން ލިބޭ ފައިސާ ކައުންސިލުގެ އިދާރާއަށް ގަވައިދުން ލިބެމުން ނުދިޔަ ނަމަވެސް އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާތީ، އެކަން ވެސް ވަނީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައެވެ. އެގޮތުން އައިސް ޕްލާންޓު ހުންނަ އިމާރާތުގައި ފައިސާ ރައްކާ ކުރެވޭނެ ގޮތެއް ނެތް އިރު، އައިސް ޕްލާންޓް ބަލަހައްޓާ ފަރާތުން ކައުންސިލަށް ފައިސާ ފޮނުވަން ހަފްތާ ނުވަތަ ދެ ހަފްތާ ނަގާކަމަށް އޮޑިޓަށް ވަނީ ފާހަގަ ކުރެވިފައެވެ.