މީހުން ދިރިއުޅޭ ސަރަޙައްދުގައި ގަވައިދާ ހިލާފަށް ތެޔޮ ރައްކާކޮށް ގެންގުޅޭނަމަ ފިޔަވަޅު އަޅަން ނިންމައިފިއެވެ.

މާލޭ ސިޓީގައި ހުއްދަނެތް ސަރަޙައްދުތަކަށް ތެޔޮ ސަޕްލައިކޮށް ސްޓޯރުކުރުން ހުއްޓުވުމާ ގުޅޭގޮތުން މާލޭ ސިޓީ ކަައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނީ މާލޭ ސިޓީގައި ހިނގާ އަލިފާނުގެ ހާދިސާތައް މަދުކޮށް އެފަދަ ހާދިސާތަކުން މީހުން ސަލާމަތް ކުރުމުގެގޮތުން، މިނިސްޓްރީ އޮފް ޑިފެންސްއިން 2012 ވަނަ އަހަރުގެ އޮގަސްޓް 12 ވަނަ ދުވަހު ގެޒެޓްކޮށްފައިވާ ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ގަވާއިދުގެ ދަށުން ތެލުގެ ހިދުމަތްދޭ އެއްވެސް ތަނަކުން މީހުންދިރިއުޅޭ ސަރަހައްދަށް ތެޔޮ ސަޕްލައި ކޮށްދިނުމަކީ މަނާ ކަމެއްކަމަށެވެ.

އަދި އެ ގަވައިދާ ހިލާފަށް މީހުން ދިރިއުޅޭސަރަހައްދުގައި ތެޔޮ ރައްކާކޮށް ގެންގުޅުމަކީވެސް މަނާ ކަމެއް ކަމަށް މާލޭ ސިޓީ ކައުންސިލްގެ 3 ވަނަ ދައުރުގެ 105 ވަނަރަސްމީ އާއްމު ޖަލްސާއިން ނިންމަވާފައިވާ ކަމަށެވެ.

އެހެންކަމުން، އެ އެންގުމާ ހިލާފްވާ ފަރާތްތަކަށް ގަވާއިދުން ފިޔަވަޅު އަޅާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އެ ގަވައިދަށް އަމަލު ކުރަން ނިންމާފައި ވާއިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާއަކީ ފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ބޮޑު އެއް އަލިފާނުގެ ހާދިސާއެވެ. އެ ހާދިސާގައި އެކަކު ނިޔާވެ، 6 ގެއަކާއި 4 ކެމިކަލް ގުދަން އަނދާ އަޅިއަށް ވެފައިވާއިރު، 130 އަށް ވުރެ ގިނަ އާއިލާ ވަނީ ހާލުގައި ޖެހިފައެވެ.